ޗޫސްލާފައި ކުރިއަރައިގެންދާން މަސައްކަތް ނުކުރޭ!
ދެންމެ | 17 ސެޕްޓެމްބަރ 2024

ދުނިޔޭގެ ތާރީޚު ދުރުގައި ބާއްވާފައި ތިމާދަންނަ މީސްމީހުންގެ ޙަޔާތަށް ބަލާށެވެ! އެއިގެ ތެރެއިން ހަލާކުވެ މަގުއޮޅިގެން ދިއަ ގިނަ މީހުންނަށް ބަލާށެވެ! އެއިގެ ތެރެއިން އެންމެ ގިނަބައެއްގެ އަމަލުތައް ﷲ މަގުން ބޭރުވެފައި ވާނީ ކުއްލިއަކަށް ކުރިއަރައިދާން ބޭނުންވުމުންނެވެ! ތިމާއަށް ޙައްޤު މިންވަރަށް ބެލުމެއް ނެތި އިތުރަށް ބޭނުންވުމުންނެވެ.

މިފަދަ ޙާލަތުގައި ވައްކަން ކުރެއެވެ. މަކަރާއި ޙީލަތް ހަދައެވެ. ޙަރާމް ޙަލާލެއް ބެލުމެއް ނެތި ފައިސާ ހޯދައެވެ. ރިޝްވަތުގެ ނުބައި އަމަލުތައް ހިންގައެވެ. އަދި އެވަރުންވެސް ނުފުދިގެން މީހުން މަރައިވެސް ހަދައެވެ. މިއިން ކޮންމެ ކަމަކީވެސް ތިމާގެ އަމިއްލަ ނަފްސް ނަރަކައަށް ވައްޓައިލުން ފަދަ ކަންކަމެވެ.

ނިކަން ވިސްނައިލަބަލާށެވެ! މަޤާމުގެ ކުރިއެރުމުގެ ދަހިވެތިކަމުގައި އިސްކޮށް ހުންނަ މީހާ އެބަ މަރައިލައެވެ. އެއްވެސް ރަޙުމެއް ނެތި އޭނާގެ ފުރާނަ އެބަ ދުއްވާލައެވެ. ލޯބީގެ ދަހިވެތިކަމުގައި އަނެކާގެ ލޯބިވެރިޔާ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާ ވެސް އެބަ މަރައިލައެވެ. އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރުމަށް ހުރަސް އެޅެނީ މިވެނި މީހެއްގެ ސަބަބުން ކަމަށް ޤަބޫލުކުރެވިއްޖެ ނަމަ އެމީހަކު ދުނިޔެއިން ނައްތައިލަން އެއްވެސް ބިރެއް ނުގަނެއެވެ. ޖެހިލުމެއްވެސް ނުވެއެވެ. ގިނަ ފަހަރު މިފަދަ ނުބައި އަމަލުތައް ކުރަނީ ސިޙުރު ހަދައިގެންނެވެ. މިއީ ކިހާބޮޑު ފާފައެއް ހެއްޔެވެ؟

މިފަދަ ނުބައި ކަންކަން ކުރަން މީހާ ދަހިވެތިކުރުވައި ޝައުޤުވެރި ކުރުވަނީ ޝައިޠޯނާއެވެ! އެމީހާގެ ވިސްނުމަށް ޝައިޠޯނާ ޖައްސުވާ ބައްޔެއްގެ ސަބަބުން ކަމަށްވެސް ބުނެވިދާނެއެވެ! ނޫންނަމަ ޝައިޠޯނާގެ ވަސްވާސްތަކުގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް ވެސް ބުނެވިދާނެއެވެ.

ކޮންމެ ގޮތެއްވީނަމަވެސް މިއީ ވަރަށް ބިރުހުރި ކަމެކެވެ. ކުރިއަރަން މަސައްކަތްކުރުމަކީ ކޮންމެ އިންސާނަކުވެސް ކުރާނެ ކަމެކެވެ. ކުރިއަރަން ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް ކުރިއަރަން މަސައްކަތްކުރަންވާނީ ކެތްތެރިކަމާއިއެކުގައެވެ. ޙައްޤު ގޮތުގައެވެ. ކުރިއަރަން ކިތަންމެ ބޭނުންވި ނަމަވެސް އާޚިރަތް ގެއްލިގެން ހިނގައިދާނެ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ! ދުނިޔޭގެ ކުރިއެރުން ހޯދަން މަސައްކަތް ކުރަންވާނީ އާޚިރަތް ނުގެއްލޭނެ ގޮތަކަށެވެ! އާޚިރަތް ދުވަހު ސަލާމަތްކަން ލިބޭނެ ގޮތަށެވެ! ޙަޤީޤީ ކުރިއެރުމަކީ އެއީއެވެ. ތިމާއަށް ޙަޤީޤީ ފައިދާ ކުރާނެ ކުރިއެރުމަކީވެސް ހަމަ އެއީއެވެ.

–އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!