މީހަކު ލައިގެން ހުރި ބޮކްސާގެ ތެރެއިން މަސްތުވާތަކެތި ހުރި ޕެކެޓެއް ފެނުނު މައްސަލާގައި އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
އިއްޔެ ކްރިމިނަލް ކޯޓުން އެ ހުކުމްކޮށްފައިވަނީ މާލެ, މ. ސެންޓްހެލީނާ, އަހްމަދު މިފްޒާލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާތައް ކޮށްފައިވަނީ ޖޫން 27, 2019 ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫން ފުވައްމުލަކު ސިޓީއަށް ފުރި ފެރީއަކުން މަސްތުވާތަކެތި ގެންދަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ހުއްޓުވާ ބަލާ ފާސްކުރި އިރު 100.8972 ގްރާމް ޑައިމޯފިން ފެނިފައިވާތީއާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާތަކެތި ޓެސްޓްކުރި އިރު ކެނެބިސްއަށް ޕޮޒިޓިވްވެފައިވާތީ އެވެ.
އެ ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިފްޒާލް ބުނެފައިވަނީ އެއީ ރައްޓެއްސެއް އެދިގެން ފުވަމުލަކު މީހަކާ ހަވާލުކުރަން ގެންދިޔަ އެއްޗެއް ކަމަށެވެ. އަދި އެތަކެއްޗާ ހަވާލުވިއިރު މަސްތުވާތަކެތި ކަން އެނގޭ ކަމަށާއި މަސްތުވާތަކެތި ބޭނުންކުރަން ފެށީ މީގެ 1 އަހަރު ކުރިން ކަމަށް އޭނާ ބުނެފައިވެ އެވެ.
އެހެންނަމަވެސް ޝަރީއަތުގެ މަރުހަލާގައި އެ ދެ ދައުވާއަށް އިންކާރުކޮށް މިފްޒާލް ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ސަބް އިންސްޕެކްޓަރުން މަތީގެ ފުލުހުންގެ އޮފިސަރެއްގެ ހުއްދަ ނެތި ކަމަށެވެ. އަދި އެ ދައުވާއަކީ އެކަށީގެންވާ ސަބަބެއް ފެންނަން ނެތި ގަވާއިދާ ހިލާފަށް ބަލައިފާސްކޮށް ހޯދާފައިވާ ހެކިތަކަށް ބިނާކޮށް ކޮށްފައިވާ ދައުވާ އެއް ކަމަށެވެ.
އޭނާ ބުނެފައިވަނީ ފެރީ ޓާމިނަލް ތެރެއަށް ވައްދާ ޖިންސީ ގުނަވަން ހިމެނޭ ގޮތަށް ބަލާ ފާސްކުރި ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް ސީންގައި ހަރަކާތްތެރިވި ޕޮލިސް ކޯޕްރަލް އިބްރާހީމް އަސްއަދުއާއި ފޮލިސް ސާޖަންޓް ހުސައިން އަޒުމީ އަދި ޕޮލިސް ކޮޕްރަލް އަބްދުﷲ ޝިމާލް ދިން ބަޔާނުން އެއީ ދޮގެއްކަން ހާމަވެ އެވެ.
އެ އޮފިސަރުން ބުނެފައިވަނީ ފެރީން މަސްތުވާތަކެތި ގެންދަން އުޅޭކަން ފުލުހުންނަށް މައުލޫމާތު ދިނީ އާންމު ފަރާތަކުން ކަމަށާއި މިފްޒާލް ހުއްޓުވާ, ފެރީ ޓާމިނަލް އޮފީސް ތެރެއަށް ވެއްދުމަށްފަހު ހެދުމުގެ މަތިން ބަލާ ފާސްކުރި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑާއި އަންނައުނު ތެރޭގައި އިތުރު އެއްޗެއް އޮތްތޯ ސުވާލުކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި އޭނާ ލައިގެން ހުރި ބޮކްސާ ތެރޭގައި ”ޕެކޭޖެއް“ އޮތް ކަމަށް ބުނެ, އޭނާ އަމިއްލައަށް ބޮކްސް ތެރެއިން އިންސިއުލޭޝަން ޓޭޕް އަޅާފައި އޮތް ޖޫސް ޕެޓީ ކޮތަޅެއް ނެގި ކަމަށާއި އެ ކޮތަޅުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމަށްވެސް ފުލުހުން ބުންޏެވެ.
އެތަނުގައި ތިބި 4 ފުލުހުންވެސް އެހެން ބުނެފައިވާއިރު މިފްޒާލްގެ ވާހަކަތަަކަށް ބާރުދޭ ހެކި އޭނާ ހުށަހަޅާފައެއް ނުވެ އެވެ.
މިފްޒާލް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ. އެފަދަ ހާލަތެއްގައި ކޯޓު އަމުރެއް ނެތި މީހަކު ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި އެ ހާލަތްތަކުގައި މީހަކު ހައްޔަރުކުރެވޭނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން މަތީގެ އޮފިސަރެއްގެ ހުއްދަ ލިބިގެންނެވެ.
ފުލުހުންގެ ތަހުގީގަށް, ޕޮލިސް ކޯޕްރަލް އިބްރާހީމް އަސްއަދު ހެކި ބަސް ދެމުން ބުނެފައިވަނީ މިފްޒާލް ހައްޔަރުކުރުމުގެ ކުރިން ސަބް އިންސްޕެކްޓާ އޮފް ފޮލިސް އިބްރާހިމް އިމްރާންއަށް ގުޅާ ހުއްދަ ހޯދާފައިވާ ކަމަށެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުކުރަން ދައުލަތުން ފަސް ޝަފަހީ ހެއްކާއި ތިން ކިތާބީ ހެކި ހުށަހެޅި އެވެ. އަދި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ކުޑަކަމުދާ ތަކެތީގެ ތަހްލީލް ރިޕޯޓް ތައްޔާރުކުރި މެޑްލެބްގެ މުވައްޒަފާއި އެ ރިޕޯޓް ފުލުހުންގެ އިދާރާއިން ތައްޔާރުކުރި ފުލުހުންގެ އޮފިސަރާއި އިތުރު ދެ ކިތާބީ ހެކި ހުށަހަޅާފަ އެވެ.
އެ ދެ ދައުވާގައިވެސް މިފްޒާލްވަނީ ޝަފަހީ ހެއްކެތް ނެތް ކަމަށް ބުނެ ކިތާބީ ހެކީގެ ގޮތުގައި ދައުވާ ފޯމުގައި ހިމެނޭ 5 ލިޔުމެއް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއި އެއްލައްކައިން ފެށިގެން ދިހަ މިލިއަނާ ދެމެދު އަދަދަކަށް ޖޫރިމަނާކުރުމެވެ. އަދި ކެނެބިސް ބޭނުންކުރުމުގެ އަދަބަކީ 3 އަހަރަށް ޖަލަށްލުމެވެ.
އުމުރަށް ޖަލަށްލުމަކީ 25 އަހަރަށްވާއިރު މިފްޒާލް ބަންދުގައި ހޭދަކުރި 40 ދުވަސް ޖަލު އަދަބުން އުނިކޮށް, އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 24 އަހަރާއި 10 މަހާއި 20 ދުވަސް ކަމަށް ކަނޑައަޅާފައިވެ އެވެ.
އަދި ޖޫރިމަނާގެ ގޮތުގައި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ހުކުމްކޮށްފައިވާއިރު އެ ފައިސާ އިއްޔެއިން ފެށިގެން އެއް އަހަރުގެ ތެރޭގައި މީރާއަށް ދައްކަން ހުކުމް ކޮށްފައިވެ އެވެ.
ކެނެބިސް ބޭނުންކުރުމުގެ އަދަބަކީ 3 އަހަރަށް ޖަލަށްލުން ކަމަށްވާއިރު އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާތީ ފަރުވާގެ ފުރުސަތެއް ނުލިބެ އެވެ. އެހެންނަމަވެސް އަމިއްލައަށް އެދިގެން ފަރުވާ ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ދައުލަތުން ބުނެ އެވެ.