ކުރުބާފަނި ބުއިމުން ކިޑްނީގައި ހިލަ އުފެދުން ހުއްޓުވާ!
ދެންމެ | 18 ސެޕްޓެމްބަރ 2024

ކުރުނބާ އަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗަކަށްވީއިރު، މިއީ ވަރަށް ފަސޭހަކަމާއެކު ލިބެން ހުންނަ އެއްޗެއް ވެސްމެއެވެ. މިއީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކާއި ތަފާތު އެކިކަހަލަ ނިއުޓްރިއެންޓުތައް ހިމެނޭ އެއްޗެއްކަމުން ކޮންމެ ދުވަހަކު ކުރުނބާ ފަނި ބޯނަމަ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ.

އެގޮތުން ބަލާއިރު ކުރުނބާ ފަންޏަކީ ކިޑްނީގެ ބަލިތައް ހުންނަ މީހުންނަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އަޅުގަނޑުމެންގެ ކިޑްނީގައި ހިލަ އުފެދުމަށް މެދުވެރިވާ އެންމެ މައިގަނޑު އެއް ސަބަބަކީ ކިޑްނީގައި ކްރިސްޓަލްތައް އުފެދުމެވެ. ކޮންމެ ދުވަހަކު ކުރުނބާ ފަނި ބޯނަމަ ކިޑްނީގައި ކްރިސްޓަލް އުފެދުން ހުއްޓުވައިދެއެވެ. އަދި ހަމަ އެހެންމެ ކޮންމެ ދުވަހަކު މި ބޭނުން ކުރާނަމަ ހަށިގަނޑުން ވިހަތައް ބޭރު ކުރުމަށްވެސް އެހީވެއެވެ. ނަތީޖާއެއްގެ ގޮތުން މީހާ ކިޑްނީގެ ބަލިތަކުން ރައްކާތެރި ވެއެވެ.

މީގެ އިތުރުން ކުރުނބާ ފެނަކީ އޭގައި ގިނަ އަދަދަކަށް އެންޓި-އޮކްސިޑެންޓުތަކާއި، އެންޓި-އިންފްލެމޭޓަރީ ޕްރޮޮޓީތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ގަވާއިދުން މި ބޭނުން ކުރާނަމަ ހަންގަނޑު ދުޅަވުން ކުޑަކޮށްދީ، ހަންގަނޑުގައި ރަތްވެފައި ހުންނަ ތަންތަންވެސް ރަނގަޅު ކޮށްދެއެވެ. އަދި މީގެ އިތުރުން ހަންގަނޑު ޒުވާންކަންމަތީ ބަހައްޓައިދީ، ހަންގަނޑު ތާޒާވެސް ކޮށްދެއެވެ.

މިއީ ގިނަ އަދަދަކަށް އިލެކްޓްރޮލައިޓުތައްވެސް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ބަލާއިރު ކުރުނބާ ފަނީގައި ޕޮޓޭސިއަމް، މެގްނީޒިއަމް އަދި ސޯޑިއަމް ފަދަ ހަށިގަނޑަށް ބޭނުންތެރި އިލެކްޓްރޮލައިޓުތައް ހިމެނެއެވެ. މި އިލެކްޓްރޮލައިޓުތަކަކީ މީހާ ހައިޑްރޭޓު ވެފައި ހުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ މާއްދާތަކެކެވެ. އެހެންކަމުން މި ބޭނުން ކުރާނަމަ ހަށިގަނޑުގައި ހުންނަ އިލެކްޓްރޮލައިޓުތައް އެއް ހަމައެއްގައި ހިފަހައްޓައި ދިނުމަށް އެހީވެދީ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓައިދެއެވެ.

ކުރުނބާ ފަނި ބުއިމުން މި ނޫނަސް އެތައް ފައިދާތަކެއް އަޅުގަނޑުމެންގެ ހަށިގަނޑަށް ލިބެއެވެ. ގަވާއިދުން މި ބޭނުން ކުރާނަމަ ލޭގެ ޕްރެޝަރު ދައްކޮށްދީ، ލޭގައި ހަކުރު ހުންނަ ވަރުވެސް ދައްކޮށްދެއެވެ. އަދި މިއީ ބަރުދަން ލުއި ކުރުމަށް ބޭނުންވާ މީހުންނަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ކުރުނބާ ފަނިން އަޅުގަނޑުމެންނަށް ގިނަގުނަ ފައިދާ ލިބޭއިރު ގަވާއިދުން ކުރުނބާފަނި ބޯން އާދަ ކުރެވޭތޯ ކޮންމެ މީހަކުވެސް ބަލަން ޖެހެއެވެ. މީގަ އެންމެ ރަނގަޅީ ހަކުރު ނާޅާ ތައްޔާރު ކުރާ ކުރުނބާ ފަނި ކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!