އިންޑިޔާއިން ދިވެހިންނަށް ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފި
ދެންމެ | 19 ސެޕްޓެމްބަރ 2024

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިއީ މިއަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާކޮށްފައެވެ.

މި އަހަރުގެ މެއި މަހުގެ އަށަކުން، ދިހައެއްގެ ނިޔަލަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަހްމަންޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރ ޒަމީރުވަނީ އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވައި، މިކަމަށް އެދިފައެވެ.

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި، މިއެހީތެރކަން ލިބިގެން މިދިޔައީ އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގައިކަމަށްވުމުން މި ދެއްވި އެހީތެރިކަމަށް ރާއްޖެއިންވަނީ އިންޑިއާއަށް ޝުކުރުއަދާކޮށްފައެވެ.

މި އެހީއަކީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާމެދު ޒަމާނުއްސުރެ ދޭ އަހަންމިއްޔަތުކަން އަނެއްކާވެސް ދައްކުވައިދޭ ރަމްޒެއް ކަމަށް ދިބެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މި ސަރުކާރުން އުންމީދުކުރަނީ، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!