އަތޮޅުތެރޭގައި ޖަނަވާރު ކްލިނިކްތައް ގާއިމް ކުރަން ނިންމައިފި
ދެންމެ | 26 ސެޕްޓެމްބަރ 2024

ކުރިޔަށް އޮތް ތަނުގައި އަތޮޅުތަކުގައި ވެސް ވެޓްނަރީ ކްލިނިކްތައް ގާއިމުކުރެވިގެންދާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ވަޒީރު ޢާއިޝަތު ރަމީލާ ވިދާޅުވީ ކެޓް ޝެލްޓަރާއެކު ވެޓްނަރީ ކްލިނިކްގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަކީ އަމާޒެއްކަމަށާއި އަތޮޅުތަކުގައި ވެސް ޕެޓްގެ ގޮތުގައި ޖަނަވާރުތައް ގެންގުޅޭ ކަމަށާއި އެތަކެތި ބަލިވުމުން މާލެ ގެނައުމަކީ އުނދަގޫ ކަމެއްކަން އެކަމަނާ ފާހާގަ ކުރިއެވެ.

އަތޮޅުތަކުގައި ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރެއް ބަލިވެގެން ނުވަތަ އެނޫންކަމަކު މާލެ ގެނައުމަކީ ފަސޭހަކަމެއްނޫންކަމަށާއި މާލޭގައި ހުންނަ ޑޮކްޓަރެއް ނުވަތަ އެކަމުގައި ހަރަކާތް ތެރިވާ ބޭފުޅެއް ދަތުރުރެއްކޮށްފައި އެ ރަށަކަށް ދިޔުމަކީވެސް ދާއިމީ ހައްލެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކަމަށް ހައްލު ހޯދުމުގެ ގޮތުން ކުރިއަތް އޮތްތަނުގައި އަތޮޅުތަކުގައިވެސް ކްލިނިކްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށާއި ނަމަވެސް މިވަގުތު އެންމެ ބޮޑަށް ބަލާނީ މާލޭ ސަރަޙައްދުގައި ޤާއިމުކުރާ ވެޓްނަރީ ކްލިނިކުން ޚިދުމަތް ދޭން ފެށުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކްލިނިކްތައް ގާއިމުކޮށް ރޫޓިންކޮށް ޓީމްތައް އަތޮޅުތަކަށް ގޮސްގެން ޚިދުމަތް ދިނުމަށްވެސް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ މަގުމަތީގައި ގިނަވާ ބުޅާތަކުގެ މައްސަލަ ހައްލުކޮށް އެ ބުޅާތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު ބުޅާތަކަށް ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދެވޭ ގޮތަށް ވެޓްނަރީ ކްލިނިކާއެކު ކެޓް ޝެލްޓަރެއް މާލެ ސަރަހައްދުގައި ސަރުކާރުން ދަނީ ތަރައްގީކުރަމުންނެއެވެ.

ސަރުކާރުން މިހާރު ވަނީ ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ރަޖިސްޓްރުމާއި ޖަނަވާރާ ބެހޭ ކަންކަން ޤާނޫނެއްގެ ތެރެއިން ކުރުމަށް ބިލެއްވެސް ޑްރާފްޓްކޮށްފައިކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!