ގައުމުގެ އިގްތިސާދީ ހާލަތާއިމެދު ގާސިމް ކަންބޮޑު ވެއްޖެ
ދެންމެ | 28 ސެޕްޓެމްބަރ 2024

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޖުމްހޫރީ ޕާޓީގެ ރައީސް އަދި ވިލާ ކޮލެޖުގެ ފައުންޑާ ގާސިމް އިބްރާހިމް ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިފިއެވެ.

ގާސިމް ވިދާޅުވީ ރާއްޖެއާއި ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގްތިސާދު ލޮޅުމަކަށް އަރާފައިވާ ކަމަށެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ އިލްމީ އަދި ފަންނީ މީހުން އިގްތިސާދުގެ އިސްސަފުގައި ހަރަކާތްތެރިވާ މިންވަރު ކުޑަވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”(ދަރިވަރުން) ތިޔަ ހޯއްދެވި ތައުލީމާއި ތަޖުރިބާއިން އަބަދުވެސް، ދުވަހުގެ ހާލަތައް ރިއާޔަތްކޮށް ކުރިމަގަށް ވިސްނުން ހިންގަވަން ދަންނަވަން. ހަމަ އެފަދައިން ތިޔަ ބޭފުޅުންނަކީ އިސްނަންގަވާ، ކުރިއަށް ފިޔަވަޅު އަޅުއްވާ ބޭފުޅުންނަށް ވާނެކަން އުންމީދުކުރަން، އަދި މިކަމަކީ ތިޔަ ބޭފުޅުންގެ އަރިހުން އެދޭކަމެއް“ -ގާސިމް އިބްރާހިމް-

ދަސްވެނިވި ދަރިވަރުންނަށް ގޮވާލެއްވީ އަބަދުވެސް އިސްނަގައި، ކުރިއަށް ފިޔަވަޅު އަޅާ ބަޔަކަށް ވުމަށެވެ. އަދި އެ ދަރިވަރުންނަކީ ޤައުމީ ޒިންމާތައް އުފުލައި، އިހްލާސްތެރިކަމާއެކު ގައުމުގެ ކަންކަމުގައި ބައިވެރިވާ ބަޔަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.

މި ހަފްލާގައި މާސްޓާސް، ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ، ޕޯސްޓް-ގްރެޖުއޭޓް ސެޓްފިކެޓް އަދި ބެޗެލަރސް ޑިގްރީ ނިންމި ދަރިވަރުންނަށް ސަނަދު ހަވާލުކުރެވުނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!