ދިވެހި މަސް ސައުދީއަށް ބޭރު ކުރަން ނިންމައިފި
ދެންމެ | 03 އޮކްޓޯބަރ 2024

ރާއްޖެއިން ސައުދީ އަރަބިއާއަށް މަސް އެކްސްޕޯޓްކުރުމަށް މަގުފަހިވާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ހާމަކުރެއްވުމާއެކު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމުގެ އުންމީދު އާވެއްޖެއެވެ.

ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރައި، ސައުދީ އަރަބިއާގެ މާކެޓަށް ދިވެހި މަސް އެކްސްޕޯޓްކުރުމުގެ ދޮރުތައް ހުޅުވިގެންދާނެއެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގައި ”މެރިން ސެކްޓަރަށް އިންވެސްޓްމަންޓްތައް ހޯދުމާއި ސީފުޑް މާކެޓް ކުރިއެރުވުމުގެ ބައިތައްވެސް ހިމެނޭ“ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. ސަބަބަކީ ސައުދީ އަރަބިއާގެ ފަދަ ބޮޑު މާކެޓަކަށް ދިވެހި މަސް ވިއްކުމުގެ ފުރުސަތު ލިބުމުން، މަސްވެރިންނަށް އިތުރު އާމްދަނީއެއް ލިބި، މުޅި ސިނާއަތަށްވެސް ފައިދާތަކެއް ކުރާނެތީއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށްވެސް އެދެވޭ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، ބޭރުގެ މާކެޓްތަކަށް ދިވެހި މަސް އެކްސްޕޯޓްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިގޮތުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިސްނަންގަވައިގެން ބޭރުގެ އެކި ގައުމުތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދަވަމުން ގެންދަވާކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!