ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެ ދަތުރުފުޅު ކާމިޔާބު ކަމަށް ވިދާޅުވާ ސަބަބަކީ އެމަނިކުފާނު ކަނޑައެޅި މަޤްސަދުތައް ދަތުރުގެ ތެރެއިން ހާސިލްވެފައިވާތީ ކަމަށާއި، ދަތުރުފުޅުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާގޮތަށް ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކެއްގެ މަސައްކަތް ފެށިގެން ގޮސްފައިވާކަމަށެވެ.
”މި ދަތުރު އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު. ކާމިޔާބު އަޅުގަނޑު މިހެން މި ދަންނަވާ ސަބަބަކީ، އަޅުގަނޑު ކަނޑައެޅި މަޤްސަދު ހާސިލްވާތީ. ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާގޮތަށް ދިވެހި ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވިގެން ދިޔައީމަ.“
ރައީށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒު އިތުރަށް ވިދާޅުވީ، އެހެން ގައުމުތަކާއި ރާއްޖެ އާއި ދެމެދު ޚާރިޖީ ސިޔާސަތު އޮންނާނީ ކިހިނެއްކަން އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މެނިފެސްޓޯ ލޯންޗް ކުރަން ބޭއްވި ޖަލްސާގައި އިއުލާނު ކޮށްފައިވާކަމަށާއި، އަބަދުވެސް ކުރިއަށްގެންދާނީ އެ ސިޔާސަތު ކަމަށެވެ.
އެއީ، ދިވެހި ގައުމާއި، ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތުކަން ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މެނިފެސްޓޯ ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި، ވެހި ރައްޔިތުންނަށް، ދިވެހި ގައުމަށް ފަހިވާގޮތަށް ކަންކަން ހަމަޖެހިގެންދާ ގޮތަށް، ނޫނީ ރައްޔިތުންގެ ކަންކަމަށް ކަންކަން ފަހި ކުރެވޭ ގޮތަށް އެހީތެރިކަންދޭ ހުރިހާ ގައުމަކާއި އެކީގައި ގާތް ގުޅުމެއް ބާއްވާނެކަމަށް ވިދާޅުވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އެ ގާތްގުޅުން ބާއްވާއިރުގައި، އަޅުގަނޑުމެންގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވާކަން އަބަދުމެ ކަށަވަރު ކުރާނަމޭ. އެއީ ސިޔާސަތަކީ. އެއީ ސިޔާސަތުގެ މަތިން އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އަދި ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު މަސައްކަތްކުރާނީ އިރާދަކުރެއްވިއްޔާ.“
ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ޑރ.މުޢިއްޒު ވަނީ މިކަމުގައި އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުގައި އެއްވެސް ޝައްކެއް ނުބޭއްވުމަށް އެދިވަޑައިގެންފައެވެ.