ބެންގަލޫރުގެ ޔުނިވާސިޓީން އެކަމަނާގެ ހަޔާތަށް އިންގިލާބެއް ގެނުވި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސާޖިދާ މިގޮތަށް ވިދާޅުވީ އެކަމަނާ ބެޗެލާސް ޑިގްރީ އިން ތައުލީމު ހާސިލުކުރެއްވި ބެންގަލޫރުގެ ސެއިންޓް ޖޯސެފް ޔުނިވާސިޓީއަށް ވަޑައިގަތުމުގެ ތެރެއިން ނެވެ. އިއްޔެ މި ޒިޔާރަތް ކުރައްވާފައިވަނީ ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނެވެ.
ސާޖިދާއަށް މަރުހަބާ ވިދާޅުވީ ސެއިންޓް ޖޯސެފް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ރިވަރެންޑް ޑރ. ވިކްޓަރ ލޯބޯ އާއި ރެޖިސްޓްރާ ޕްރޮފެސަރ ޑރ. މެލްވިން ކޮލާކޯ އެވެ.
ވައިސް ޗާންސެލަރު ވަނީ ސެއިންޓް ޖޯސެފް ޔުނިވާސިޓީއަށް ފަސްޓް ލޭޑީ ކުރެއްވި ދަތުރުފުޅަށް ޝުކުރު އަދާކުރައްވައި، ފަސްޓް ލޭޑީ އަކީ ޔުނިވާސިޓީގެ ޝަރަފުވެރި ކުރީގެ ދަރިވަރެއް ކަމުން އުފާކުރައްވާކަން ފާހަގަކުރައްވާފަ އެވެ.
ފަސްޓް ލޭޑީ ވަނީ ސެއިންޓް ޖޯސެފް ޔުނިވާސިޓީއަށް އަނބުރާ ވަޑައިގަތުމުން އުފާ ފާޅުކުރައްވާފަ އެވެ. އަދި ސެއިންޓް ޖޯސެފް ޔުނިވާސިޓީއަކީ އެކަމަނާގެ ހިތާ ގާތް ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ.
ފަސްޓްސެއިންޓް ޖޯސެފްގައި ހޭދަކުރި ދުވަސްތަކުގެ ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ އެއީ ބޮޑު ތަޖުރިބާއެއް ކަމަށާއި ޔުނިވާސިޓީން ލިބުނު އެކުވެރިކަމާއި ތައުލީމުގެ ސަބަބުން އެކަމަނާގެ ހަޔާތުގައި ބަދަލު ގެނައުމުގެ ދައުރެއް އޮތް ކަމަށެވެ. އަދި ބެންގަލޫރުގައި ކިޔަވަމުން ދިޔައިރު އެ ސިޓީއަކީ ވަރަށް ދިރުމެއް ހުރި އަދި ގިނަ ބަހާއި ސަގާފަތްތަކެއް ހިމެނޭ ސިޓީއެއް ކަމަށް ވެސް ވިދާޅުވި އެވެ.