ޑިވޮލޮޕްމަންޓް ބޭންކްގެ ލައިސެންސާއި މިނިސްޓަރ ސައީދު ހަވާލުވެ ވަޑައިގެންފި
ދެންމެ | 13 އޮކްޓޯބަރ 2024

މޯލްޑިވްސް ޑިވޮލޮޕްމަންޓް ބޭންކް އަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ލައިސެންސް ދީފި އެވެ.

އެ ބޭންކަށް ލައިސެންސް ދޫކުރިކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި މިއަދު ވަނީ ހާމަކުރައްވައިފަ އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ފަހަރަށް އެފަދަ ބޭންކަކަށް ލައިސެންސް ލިބުމަކީ ބޮޑު ފަހުރެއް ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ އެ ބޭންކަަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިއުލާންކުރައްވާފައިވާ އިގުތިސާދީ ތަރައްގީއަށް އެޅުނު ތާރީހީ މޭލުގަލެއް ކަމަށެވެ.

މީގެ ކުރިން ސައީދު ވިދާޅުވެފައިވާ ގޮތުގައި އެ ބޭންކު މެދުވެރިކޮށް ކުރިމަގުގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ތަރައްގީކުރަން ބޭރުގެ ބޭންކުތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރިސޯޓުތަކުގެ ދިވެހިންގެ އަތްމައްޗަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބޭންކުގެ ޗެއާޕާސަންއަކީ އަރޫނީ ގޫނަތިލަކަ އެވެ. އޭނާ އަކީ ބިޒްނަސް އޮރިޖިނޭޝަން ގަވާނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ހާއްސަވެފައިވާ ބައިނަލްއަގްވާމީ ފައިނޭންސިއަލް މާކެޓްގެ ފައިނޭންސިއަލް ސާވިސް ތަޖުރިބާކާރެކެވެ. އަރޫނީ، ލޯ އިން މާސްޓާސް ހާސިލުކުރެއްވީ ހާވަޑް ޔުނިވާސިޓީންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!