ދިވެހި ބިމުން ވޭޕްގެ ވަސް ވެސް ފުހެލަން ރައީސް އަމުރު ކުރައްވައިފި
ދެންމެ | 14 އޮކްޓޯބަރ 2024

ވޭފް އެތެރެކުރުމާއި ބޭނުންކުރުން ރާއްޖޭގައި މަނާކުރަން ކަމާއި ގުޅޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ދުވަހުން ފެށިގެން މަނާކުރަން ކަމާއި ގުޅޭ އިދާރާތަކަށް އަންގަވާފައިވާކަމަށެވެ.

މީގެއިތުރުން ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުމަކީވެސް މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމާއި ބެހޭ އިދާރާތަކަށް އަންގަވާފައިވާކަމަށް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

މި ނިމްމެވުން ރައީސް ނިންމަވާފައި މިވަނީ ވޭފްގެ ނުރައްކާ ބޮޑުވެ އެތަކަތި މަނާކޮށްދިނުމަށް ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ އިތުރުން ސްކޫލްތަކުގެ ޓީޗަރުންނާއި ގިނަ އަދަދެއްގެ އާއްމުންވެސް ގޮވާލާފައި ވަނިކޮށެވެ.

ދާދީ ފަހުން ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އުމުރުން 18 އަހަރުވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާކަމަށެވެ. ޒަމާނީ ކުލަވަރު ޖެހި ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓަކީ ގެއްލުން ކުޑަ ވަސީލަތެއްކަމަށް ދައުވާ ކުރިނަމަވެސް އެތައް ދިރާސާތަކުން މިއީ ސިއްހަތަށް ގެއްލުން ހުރިކަމެއް ސާބިތުވާކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންވެ އެ ޖަމިއްޔާއިން ވަނީ ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި ވޭޕް އެތެރެކުރުން މަނާކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!