ސިގިރޭޓަކުން ޑިއުޓީއަށް 8 ރުފިޔާ ނަގަން ނިންމައިފި
ދެންމެ | 15 އޮކްޓޯބަރ 2024

ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އަންނަ މަހުން ފެށިގެން އަށް ރުފިޔާއަށް ބޮޑުކޮށް އަދި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެ މަނިކުފާނު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިކުރުމަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑެތި ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށެވެ.

 

އޭގެ ތެރޭގައި؛

– ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުން

 

– ދުންފަތުން ނަގާ އެޑްވަލޮރަމް ރޭޓް 50 ޕަސެންޓް މަތިކުރުން

 

އޭގެ އިތުރުން އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ބަދަލުތައް ގެންނަން މި ހަފުތާގައި މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

”ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި ފަންނީގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެމްޕެއިނެއް ފެށުމަށް ވާނީ ނިންމާފައި،“ އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް ހެދުމަށް ހުރިހާ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމިއިރު، ރައީސް ވަނީ އަންނަ މަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރަން އިއްޔެ ނިންމަވައިފަ އެވެ.

ސޯޝަލް މީޑިއާގައި ރައީސް އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ވޭޕްކުރާ ތަކެތި ބޭނުން ކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!