ވޭޕް ވިއްކައިފިނަމަ 20،000 އިން ބޮއިފިނަމަ 5،000 އިން ޖޫރިމަނާ ކުރަން ހުށަހަޅައިފި
ދެންމެ | 15 އޮކްޓޯބަރ 2024

އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕް ވިއްކައިފި މީހަކު ނުވަތަ ހިލޭ ބަހައިފި މީހަކު ކޮންމެ ސްޓިކަކަށް ނުވަތަ އެއްޗަކަށް 20،000 ރުފިޔާއަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޑްރާފްޓު ކޮށްފި އެވެ.

”ދެންމެ“ އަށް ލިބިފައިވާ ބިލުގެ ޑްރަފްޓުގައި ބުނީ އެ ބިލް ޑްރާފްޓު ކުރަން ނިންމާފައިވަނީ ”ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު“ އަށް އިސްލާހުތައް ގެނައުމުގެ ތެރެއިން ހިމެނޭ މާއްދާއެއްގެ ގޮތުގައި ކަމަށެވެ.

އެ ގާނޫނުގެ އިސްލާހުގައި އިތުރަށް ބުނެފައިވަނީ ވޭޕް ބޭނުންކޮށްފި މީހަކު 5,000ރ އިން ޖޫރިމަނާކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޑްރަފްޓްގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި އަންނަ އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެ ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އަންނަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ވިއްކުމާއި، ހިލޭ ބެހުމާއި، ގެންގުޅުމާއި އަދި ބޭނުނުކުރުމަކީ ވެސް މަނާކަމެއް ކަމެއް ކަމަށް ޑްރަފްޓުގައި ހިމަނާފައިވެ އެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު އަންނަ މަހުން ފެށިގެން ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ނިންމަވާފަ އެވެ. އަދި އެ އިސްލާހު ގެނައުމަށް މި ހަފްތާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސްގެ ނިންމެވުން ނިންމާފައިވަނީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

އެގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓާ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3ރ އިން 8ރ އަށް މަތިކުރަން ރައީސް ވަނީ ނިންމަވާފަ އެވެ.

ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!