ކައިވެންޏަށް ފަހު ރެސްޓޯރެންޓުން ކެއުމުގެ ނުރައްކާ!
ދެންމެ | 15 އޮކްޓޯބަރ 2024

ކައިވެނިކޮށް ޒަވާޖީ ޙަޔާތަކަށް ފެށުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ދެމަފިރިންގެ ގުޅުން ބަދަހިކުރުމަށެވެ. ދެމަފިރިންގެ ގުޅުން ބަދަހިވެގެންދާނީ އެކަމަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދިއުމުންނެވެ. އެއިގެ ތެރެއިންވެސް އެންމެ މުހިންމު އެއްކަމަކީ ގޭގައި ދެމަފިރިން އެކުގައި ތިބެގެން ކައިބޮއިހެދުމެވެ.

ކައިވެނިކޮށް 3 މަސްދުވަސްވީއިރުވެސް ހުކުރު ދުވަހުގެ މެންދުރު ކެއުން ނޫން އިތުރު ކެއުމެއް ދެމަފިރިންނަށް އެކުގައި ތިބެގެން ނުކެވޭތީ ކިޔުންތެރިއަކު ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި އިބްރަތްހާޞިލުކުރެއްވެވުމެވެ.

މިހާރަކަށް އައިސް ކޮންމެ ދުވަހަކުހެން ގެއިން ބޭރުން ކައި އުޅުނަ މިވަނީ ޢާންމު ކަމަކަށްވެފައެވެ. މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން އެއީ ޢާންމު ކަމަކަށް މިވަނީ ވެފައެވެ. ނަމަވެސް ދިރާސާތަކުން ދައްކާގޮތުން ގެއިން ބޭރުން ޢާންމުކޮށް ކައި އުޅުމަކީ ގެއާއި ދުރުހެލިވާކަމެކެވެ.

އެކަމަށް ކުރަންޖެހޭ ހޭދަބޮޑުވުމުގެ އިތުރުން އެކަންވެފައި އޮންނަނީ ގެއާއި އޮންނަންޖެހޭ ގުޅުން ކެނޑިގެންދާ ކަމަކަށެވެ. މާނައަކީ ދެމަފިރިންގެ ގުޅުމަށް ހުރަސް އެޅޭކަމަކަށް އެކަންވެގެންދާ ކަމެވެ. ވީމާ ވަރަށް ރަނގަޅަށް ވިސްނައި ފިޔަވަޅު އަޅަންޖެހިފައިވާ ކަމެކެވެ.

ރާއްޖެއަށް ބަލައިފިނަމަ ގެއިން ކާތަކެތި ހިފައިގެން އޮފީހަށްގޮސް ކައިހެދުން ވެފައި އޮންނަނީ ލަދުވެތިކަމަކަށެވެ. ގެއަށް ބޭނުންވާ ކާބޯތަކެތި ނުހޯދޭއިރުގައިވެސް އޮފީހުގައި ސައިބޮއި ކައި ހަދައެވެ. ހޮޓާ، ރެސްޓޯރަންޓްތަކުން ކައިހަދައެވެ. ކުރިން ހޮޓާތަކަށް އަރައި އުޅުނީ ފިރިހެނުން ނަމަވެސް މިހާރު ދެޖިންސުގެ މީހުންވެސް ހުރިހާ ތަންތަނަކުންވެސް ކައިބޮއި ހަދައެވެ.

ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ކުޑަވުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު އެކަންކަން ވަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ވީމާ ވިސްނައި އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރުމަކީ ކުރަންޖެހިފައިވާ ކަމެކެވެ.

ތިރީގައި އެވަނީ ފިރިހެން ދަރިއަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ވަރަށް ޢިބްރަތްތެރި ޕޯސްޓެއްގެ ޚުލާޞާ ތަރުޖަމާއެކެވެ. ކޮންމެ ދެމަފިރިއަކަށްވެސް މިވާހަކަތަކުން ޢިބްރަތެއްވާކަމަށް ޤަބޫލުކުރެވޭތީ ހަނދާން އައުކޮށްލަދިނުމުގެ ގޮތުން ގެނެސްދިނީއެވެ.

”އަހަރެންގެ ބައްޕައަކީ މަންމަ ޢާ ޢާއިލާއަށް ބޭނުންވާ ކަންކަން ކޮށްދިނުމަށްޓަކައި ދުވާލަކު 12 ގަޑިއިރު މަސައްކަތްކުރި މީހެކެވެ. ވީމާ ދުވާލުގެ ގަދަ ހޫނުގައި މުޅި ދުވަހު ބައްޕަ މަސައްކަތްކުރިއެވެ.

ބައްޕަ މަސައްކަތުދާއިރު، ބައްޕަ މެންދުރު ކާނެ ތަކެތި މަންމަ ބައްޕައަތަކަށް ނުދެއެވެ. އެއިގެ ބަދަލުގައި ކޮންމެ ދުވަހަކު 23 ކިލޯމީޓަރަށް މަންމަ ދަތުރުކޮށް މެންދުރު ކެއީ ބައްޕަޢާއި އެކުގައެވެ. ކައިގެން އެނބުރި ގެއަށް އައިސް މަންމަ ބުނާނެއެވެ! ”ހިތްހަމަ ޖެހުން ލިބިއްޖެ އެވެ. ބައްޕަމިހާރު ހުންނާނީ މެންދުރު ކައިގެންނެވެ.“

އަހަރެމެން ދިރިއުޅެނީ ސިންގަޕޫރުގެ ސެންގކާންގ ގައެވެ. ބައްޕަ މަސައްކަތްކުރަނީ ކްރާންޖީގައެވެ. ބަހުގައި ދާން ކޮޅަކަށް ބައިގަޑިއިރާ 40 މިނިޓާއި ދެމެދުގެ ވަގުތެއް ނަގާނެއެވެ. ވީމާ ބައްޕައަށް ކާން ދިނުމަށް މަންމަ ކޮންމެ ކޮންމެ ދުވަހަކު އެ ހޭދަކުރީ ހަމައެކަނި ދަތުރުގެ ވަގުތަށް ބެލި ނަމަވެސް ގަޑިއެއްގެ އިރަށްވުރެ ގިނަ ވަގުތެވެ.

މިކަމުން އަހަރެންނަށް ލިބުނު ފިލާވަޅަކީ މުހިންމީ އަނބިމީހާގެހަށިގަނޑުގެ ވަރުގަދަކަން ނޫން ކަމާއި ފިރިމީހާ އަށް އެހީތެރިވެ ފިރިމީހާއަށް އިޙްތިރާމްކުރުމުގެ މުހިންމުކަން ކަމެވެ.

އަންހެނެއްގެ އަގު އަރައިގެންދަނީ އޭނާގެ މަޝްހޫރު ކަމަކުން ނޫނެވެ. ވަރުގަދަ އަންހެނަކީ ކޮބައިކަން އަހަރެންމާނަކުރާނީ ފިރިމީހާއަށް ހިއްޞާކުރާ ލޯތްބާއި އިޚްލާޞްތެރިކަމާއި އިޙްތިރާމްކަމަށެވެ.

ދިރިއުޅުމުގެ ފިލާވަޅުތައް އަހަރެން ދަސްކުރީ މަންމަ އާއި ބައްޕަ ދެއްކި ވާހަކަތަކުން އެކަންޏެއް ނޫނެވެ. ދެމަފިރިން ޢަމަލުން ދައްކައިދިން ކަންކަމުންނެވެ. ދެމަފިރިން އެކަކު އަނެކަކަށްވީ ލޯބިންނެވެ.“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!