ބީލަމެއްގައި މަކަރު ހަދައިފިނަމަ ޖޫރިމަނާކޮށް ސަސްޕެންޑް ކުރަން ނިންމައިފި
ދެންމެ | 17 އޮކްޓޯބަރ 2024

ދައުލަތުގެ ބީލަމެއްގައި މަކަރު ހަދައިފިނަމަ ބީލަންވެރިންނާއި ސަޕްލަޔަރުންގެ އިތުރުން ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް، ސަސްޕެންޑު ކުރެވޭނެ ގޮތް ހަދައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ބީލަމެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލާ އާއްމުކޮށްފައެވެ.

މި އުސޫލުގައިވާ ގޮތުން ބީލަމެއްގައި ބައިވެރިވާ ބީލަންވެރީންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރެވޭނެ 16 ހާލަތެއް ވަނީ ބަޔާކޮށްފައެވެ. އޭގެތެރޭގައި ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ދޮގު ލިޔުންތައް ހުށަހަޅައި އެ މައުލޫމާތު ފޮރުވުން ހިމެނެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް އެހެން ފަރާތްތަކަށް ހުރަސް އެޅުމާއި، ވަކި ފަރާތްތަކަށް ބީލަން ލިބޭ ގޮތަށް މަގުފަހިކުރަން މަސައްކަތް ކުރުމާއި ބީލަމުގެ އަގަށް ނުފޫޒު ފޯރުވުމާއި މައުލޫމާތުގެ ސިއްރުކަން ގެއްލޭ ފަދަ އަމަލެއް ހިންގުން ހިނެއެވެ.

މި ފަދަ ކަމެއްކޮށްފިނަމަ ބީލަންވެރިންނާއި ސަޕްލަޔަރުންގެ އިތުރުން ކޮންޓްރެކްޓަރުން ބީލަމުގެ 2.5 އިންސައްތައިން ޖޫރިމަނާކޮށް، ފަސް އަހަރަށް ސަސްޕެންޑު ކުރުމުގެ ބާރު މި އުސޫލުގެ ދަށުން ފިނޭންސް މިނިސްޓްރީއަށް ވަނީ ދީފައެވެ.

މިގޮތަށް ޖޫރިމަނާކޮށްފިނަމަ އެ ބަޔަކަށް، ދެން ދައުލަތުން ހުޅުވައިލާ ބީލަމެއްގައި ބައިވެރިވެވޭނީ އެ ޖޫރިމަނާ ފައިސާ ދައްކާ ހަލާސްކުރުމުންކަމަށްވެސް އެ އުސޫލުގައިވެއެވެ. އަދި މައްސަލަ ރައްދުވާ ފަރާތުން އެއްވެސް ސެކިއުރިޓީއެއް ނަގާފައިވާނަމަ، އެ ފައިސާ ހިފަހައްޓާނެކަމަށްވެސް މި އުސޫލުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!