އުމުރުން 40 އިންމަތީ އަންހެނުން އުރަމަތި ޓެސްޓް ކުރަން މެޑަމް ސާޖިދާ ގޮވާލައިފި
ދެންމެ | 17 އޮކްޓޯބަރ 2024

އެކަމަނާ މިކަމަށް ގޮވާލެއްވީ އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ޤައުމީ ސިމްޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްވަމުންނެވެ.

އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ސިމްޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ އުރަމަތީގެ ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވޭކަމަށެވެ. އަދި މި ބާވަތުގެ ކެންސަރަކީ ބަލިން ފަސޭހަވުމަށްފަހުވެސް އޭގެ އަސަރުތައް އަންހެނުން ތަޙައްމަލްކުރަންޖެހޭ ނުރައްކާތެރި ކެންސަރެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، އުރަމަތީގެ ކެންސަރަށް ދިވެހި މުޖުތަމަޢު ހޭލުންތެރިކުރުވައި، އެ ބާވަތުގެ ކެންސަރު ޖެހޭ މިންވަރު މަދު ކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެގޮތުން އުރަމަތީގެ ކެންސަރު އެންމެ އަވަހަށް ފަސޭހަވާނީ ވީހާވެސް އަވަހަކަށް ކެންސަރު ބައްޔަށް ފަރުވާ ކުރެވިގެންކަމަށް ރައީސްގެ އަނބިކަނަބަލުން ވިދާޅުވިއެވެ. އެހެންކަމުން ކެންސަރު ހުރިތޯ ދެނެގަތުމަށް ވީހާވެސް އަވަހަކަށް ޓެސްޓްކުރުމަށް މެމޮގްރާމެއް ހެއްދުން މުހިންމުކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.

”އުރަމަތީގެ ކެންސަރަށް ޓެސްޓްކުރެވެނީ 40 އަހަރުގެ މަތީގެ އަންހެނުންނަށް. އެހެންވީމަ އަޅުގަނޑު ގޮވާލަން ހުރިހާ ދިވެހި އަންހެނުންނަށް މެމޮގްރާމެއް ހައްދަން. އަވަހަށް އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަނެވިއްޖެނަމަ، އަވަސް ފަރުވާއިން ބަލިން ފަސޭހަވާ މިންވަރު ބޮޑުވޭ“ ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ މިހާރު ރާއްޖޭގައިވެސް ކެންސަރަށްދެވޭ އެކި ފަރުވާތައް އެބަހުރި ކަމަށެވެ. އެގޮތުން ކީމޯތެރަޕީގެ ޚިދުމަތް ރާއްޖެއިން ލިބެންހުރެއެވެ. އަދި އައިޖީއެމްއެޗްގައި މިހާރު ތްރީޑީ މެމޮގްރާމެއް ހެދޭއިރު، މެމޮގްރާމެއް ހެއްދުމަށް ކޮންމެހެން ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ކެންސަރު އެކި ބާވަތްތައް ޖެހޭ މިންވަރު ރާއްޖޭގައި މަދުކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހު އެކި ބާވަތްތަކުގެ ކެންސަރަށް މަގު ފަހިކުރުވާ ވޭޕްކުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅުއްވަން ޤާނޫނަށް އިސްލާޙުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ޤައުމީ ސިމްޕޯޒިއަމް މީގެ ކުރިން 4 ފަހަރަކު ބާއްވާފައިވެއެވެ. މި ސިމްޕޯޒިއަމްގެ ބޭނުމަކީ އަންހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރާ މެދު ހޭލުންތެރިކަން އުފައްދާ، ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މި ސިމްޕޯޒިއަމް ކުރިއަށްދަނީ އެސްޓީއޯ މެޑިކަލް ސަރވިސަސްއާއި އެސްޓްރާ ޒެނެކާއާއި އައިޖީއެމްއެޗް ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!