ޒިނޭ ކުރުމަށް ހުއްދަ ދެއްވުމަށް އެދި ރަސޫލާ ޞޢވ ގެ އަރިހަށް އައި، މީހަކަށް ރަސޫލާ ސޢވ ދެއްވި ފުރިހަމަ ޖަވާބާއެކު ޒިނޭގެ ހަޑި ހުތުރު ކަމާއި ނުބައި ކަމުގެ މައްޗަށް މިއަދުގެ ޚުތުބާގައި އަލިއަޅުވާލައިފިއެވެ.
ޒިނޭ ކުރުމާއި ފާހިޝް ޢަމަލުތަކުގެ ނުބައިކަމުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ ދުނިޔޭގެ އަޚްލާޤު ފާސިދުވެ ހަލާކުވެގެން ދިޔައީ ކުއްލިއަކަށް ނޫން ކަމަށެވެ.
އެއީ الله ގެ މަންހަޖާ އެކަހެރިވުމުގެ ހިތި ނަތީޖާއެވެ. އެއީ ލަދުވެތިކަމާއި އިންސާނީ ކަރާމަތު ވަޅުލުމުގެ ނަތީޖާއެވެ. އެއީ މިނިވަންކަމުގެ ދަޅައިގައި ޖެހި ތިމާގެ ލަގަން ތިމާގެ ހަވާނަފްސަށް މުޅީން ދޫކޮށްލުމުގެ މުޞީބާތެވެ. އިސްލާމްދީން ވަނީ މި ފަދަ ވަބާތަކުން ސަލާމަތްވާނެ މަގުތައް ދައްކަވައިފައެވެ. اللهގެ އަމުރުފުޅުތަކަށް ތަބަޢަވެ މުންކަރާތްތަކާ ދުރުހެލިވުމުންނެވެ.
ޚުތުބާަ
މިއާއެކު ޚުތުބާގައި ބުނީ ޒިނޭއާއި ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. އެހެންނަމަވެސް އެކަމުން ތައުބާވެ ހެޔޮ ޢަމަލުކުރާ މީހުންގެ ތައުބާ الله ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާ ކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މިއާއެކު ޚުތުބާގައި ވަނީ ޒިނޭ ކުރުމަށް ހުއްދަ ދެއްވުމަށް އެދި ރަސޫލާ ސޢވ ގެ އަރިހަށް ވަޑައިގެންނެވި މީހަކަށް ދެއްވި ޖަވާބުގެ މައްޗަށް އަލިއަޅުވާލާފައެވެ.
”އެއް ދުވަހު ކީރިތި ރަސޫލާ ސޢވގެ އަރިހަށް ޒުވާނަކު އައިސް ދެންނެވިއެވެ. اللهގެ ރަސޫލާއެވެ! ތިމަންނާ ޒިނޭކުރުމަށް ހުއްދަދެއްވާށެވެ! އެ ހިނދު މީސްތަކުން އޭނާ ވަށައިލައި އޭނާއަށް ޢައިބުގެ ބަސްތައް ރައްދުކުރަމުން ބުންޏެވެ. ”ތިބާ ތިޔަވާހަކަ ނުދައްކައި ހަނު ހުންނާށެވެ!“
ދެން ކީރިތި ރަސޫލާ ސޢވ އެ ޒުވާނާއަށް ޙަދީޘްކުރެއްވިއެވެ. ”ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!“
ދެން އޭނާ އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. އަދި އެތާނގައި އިށީނެވެ. އިތުރު އެކަލޭގެފާނު އޭނާއަށް ހަދީޘްކުރެއްވިއެވެ. ”ތިބާގެ މަންމައާ އެކު މީހަކު ޒިނޭކުރުމަށް ތިބާ ރުހޭނަންހެއްޔެވެ؟“ އޭނާ ދެންނެވިއެވެ. ”މާތް الله ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ނުރުހޭނަމެވެ. މާތް الله ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!“
އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ”މީސްތަކުން ވެސް އެމީހުންގެ މައިންނާ އެކު މީހަކުޒިނޭކުރާކަށް ނުރުހޭނެތެވެ.“
އަދިވެސް ސުވާލުކުރެއްވިއެވެ. ”ތިބާގެ އަންހެންދަރިފުޅު ޒިނޭކުރާން ތިބާ ރުހޭނަންހެއްޔެވެ؟“ އޭނާ ދެންނެވިއެވެ. ”މާތް الله ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ނުރުހޭނަމެވެ. މާތް الله ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!“
އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”މީސްތަކުން ވެސް އެމީހުންގެއަންހެން ދަރިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ.“
އަދިވެސް ސުވާލުކުރެއްވިއެވެ. ”ތިބާގެ އުޚުތާ އެކު މީހަކު ޒިނޭކުރާން ރުހޭނަންހެއްޔެވެ؟“
އޭނާ ދެންނެވިއެވެ. ”الله ގަންދީ ދަންނަވަމެވެ. އަޅުގަނޑު ތިކަމަކަށް ނުރުހޭނަމެވެ. މާތް الله ކަލޭގެފާނަށްޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!“ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”މީސްތަކުން ވެސް އެމީހުންގެ އުޚުތުންނާ އެކު މީހަކު ޒިނޭ ކުރާކަށް ނުރުހޭނެތެވެ.“
އަދިވެސް ސުވާލު ކުރެއްވިއެވެ. ”ތިބާގެ ބަފާފުށު ބޮޑުދައިތައާ އެކު މީހަކު ޒިނޭކުރާންރުހޭނަންހެއްޔެވެ؟“ އޭނާ ދެންނެވިއެވެ. ”الله ގަންދީ ދަންނަވަމެވެ. އަޅުގަނޑުތިޔަކަމަކަށް ނުރުހޭނަމެވެ. މާތް الله ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަންލައްވާށިއެވެ!“
އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”މީސްތަކުން ވެސް އެމީހުންގެބަފާފުށު ބޮޑުދައިތައިންނާ އެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެތެވެ.“
އަދިވެސް ސުވާލުކުރެއްވިއެވެ. ”ތިބާގެ މައިފުށުގެ ބޮޑުދައިތައާ އެކު މީހަކު ޒިނޭކުރާން ރުހޭނަންހެއްޔެވެ؟“
އޭނާ ދެންނެވިއެވެ. ”الله ގަންދީ ދަންނަވަމެވެ. އަޅުގަނޑު ތިޔަކަމަކަށް ނުރުހޭނަމެވެ. މާތްالله ކަލޭގެފާނަށް ޓަކައި ފިދާއެއްކަމުގައި ތިމަން ލައްވާށިއެވެ!“
އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”މީސްތަކުން ވެސް އެމީހުންގެ މައިފުށުގެ ބޮޑުދައިތައިންނާ އެކު މީހަކުޒިނޭކުރާކަށް ނުރުހޭނެތެވެ.“
އެއަށްފަހު ކީރިތި ރަސޫލާ ސޢވ ޒުވާނާގެ ގައިގައި އަތްޕުޅުއަޅުއްވައިފައި ދުޢާ ކުރެއްވިއެވެ. ”ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ޒުވާނާގެ ފާފަފުއްސަވައި، އޭނާގެ ހިތް ޠާހިރުކުރައްވައިފާނދޭވެ! އަދި އޭނާ ޢިއްފަތްތެރިކުރައްވައިފާނދޭވެ!“ އޭގެ ފަހުން އެ ޒުވާނާ ދުވަހަކު ވެސް އެފަދަ ކަމަކާ މެދު ނުވިސްނައެވެ.
ޚުތުބާގައި އިތުރަށް ބުނީ ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތަޢުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށް، އެ މީހުންގެ އަތުގައި ޝައިޠާނާ ހިފުން މަނާކޮށްގެން ކަމަށެވެ.
އަދި ކީރިތި ރަސޫލާ ސޢވގެ ބަސްފުޅަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތުކަމަށެވެ.
މިއާއެކު ޚުތުބާގައި ވަނީ ޒިނޭއާއި ފާހިޝު ޢަމަލުތަކުން ދުރުވެގަތުމަށް ޓަކައި ނަމާދު ޤާއިމުކޮށް، ކުޅަދާނަކަން ލިބިގެންވާ މީހާ ކާވެނިކޮށް، ކާވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފުމަށް ނަސޭހަތްތެރިވެފައެވެ. އަދި ފާހިޝު ޢަމަލަކަށް އަރައިގަނެވިފައިވާ މީހާ ވަގުތު ފާއިތު ވުމުގެ ކުރީން ތައުބާވުމަށްވެސް ނަސޭހަތްތެރިވިއެވެ.