ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތައް ކަމުނުދާ ކަމަށް އިދިކޮޅު އެމްޑީޕީ ގެ ލީޑާރޝިޕުން ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، މި ސަރުކާރުގެ އިޤްތިސާދި އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ރައީސް ޑރ. މުއިއްޒުގެ މުސާރައިގެ %50 ނުނެންގެވުމަށް ނިންމަވާފައިވާ ކަމަށް އެ މަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
ދައުލަތުގެ ހަރަދު ކުޑަކޮށް، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް މި އެޅުއްވި ފިޔަވަޅުތައް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސިފަ ކުރެއްވީ ”ދެބޯގެރި“ ދުއްވުމެއް ގޮތުގައެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ބަގުރޫޓް ފައްޔާޒް ވިދާޅުވީ އާންމު ރައްޔިތުން އަތުން އަދި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކޮށްފައި، ސިޔާސީ ވަޒީފާތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރަން ނިންމި ނިންމުމަކީ ދެބޯގެރިދުއްވުމެއް ކަމަށެވެ.
ބަގުރޫޓް ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ރައީސް އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކައް ފާޑު ވިދާޅުވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުގެ ބޭކާރު އިސްރާފު ޚަރަދުތައް ކުޑަ ނުކޮށް، ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް، ހަމަ އެ ރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިކަމީ، ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ޚުދުމުޚްތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލެއް ކަމަށެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާއިރު، ހަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުން 228 ފަރާތެއް ވަނީ މިދިޔަ ހަފްތާގައި ވަކިކޮށްފައެވެ. އެކަމުގެ ސަބަބުން މަހެއްގެ މައްޗަށް ދައުލަތަށް 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެއީ އަހަރަކަށް ބަލާނަމަ 68.6 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން ސަރުކާރުގެ އޮފިޝަލުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކުރުމާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.