އިސްލާމީ އުންމަތުގެ ބަތޮލު، ޔަހްޔާ ސިންވާރުގެ ވަސިއްޔަތް!
ދެންމެ | 27 އޮކްޓޯބަރ 2024

މިއަދާ ހަމަޔަށް، މުސްލިމް އުއްމަތުގެ މަތިވެރި ބަޠަލުން އަޅުގަނޑުމެން މި ޖީލުގެ މުސްލިމުންނަށް ފެނިފައި ވަނީ ފޮތްތަކާއި މަޖައްލާތަކުގެ ޞަފުޙާތަކުންނެވެ. ލަފުޒުތަކުގެ ތަޞްވީރުތަކުންނެވެ. އުއްމު ޢައްމާރު ސުމައްޔާ ބިންތި ޚައްޔާތާ ހަމައިން ފެށިގެން ޢުމަރުލް މުޚްތާރާ ހަމަޔަށެވެ. ނަމަވެސް މިއަދު ކީރިތިވަންތަ ﷲ މުސްލިމް އުއްމަތުގެ އެންމެ މަތީ ދަރަޖައިގެ ބަޠަލެއްގެ ދިރިއުޅުއްވުމާއި ޝަހީދު ވެވަޑައިގަތުން، އަޅުގަނޑުމެންގެ ލޯތަކަށް ދެއްކެވުމުން އަޅުގަނޑުމެން ޢިއްޒަތްތެރި ކުރައްވައިފިއެވެ. އަޅުގަނޑުމެންގެ ލޯތަކުން މިއަދު ހުއްޓުމެއް ނެތް ކަރުނަތައް އެބަ އޮހޮރެއެވެ. އެކަމަކު އެއީ ހަމައެކަނި ހިތާމަ އާއި މޮޅިވެރިކަމުގެ ކަރުނައެއް ނޫނެވެ. އެއީ އެކާވީސްވަނަ ޤަރުނުގެ ބިރުވެރި އަދި އަނދިރި ޖަންގަލީގައި، މި އުއްމަތަށް މަގު ދައްކައިދޭނޭ އަލިގަދަ ބައްތިއެއް ކަމަށް ވާ ޝަހީދަކާއި އޭނާގެ ޖިހާދާއި ޤުރުބާނީ ހަމަ ލޮލަށް ފެނުނު ކަމަށް ޓަކައި އޮހޮރޭ ޝުކުރުގެ ވެސް ކަރުނައެވެ. އެ ބަޠަލަކީ އަދި ޝަހީދަކީ ފަލަސްޠީނުގެ މިނިވަންކަމުގެ ޖިހާދުގެ ލާމަސީލު ލީޑަރު ޔަޙްޔާ ސިންވާރެވެ.

ޔަޙްޔާ ސިންވާރު ޖިހާދުގެ ފަހު ފިޔަވަޅުފުޅުމަތީ ހުންނަވައިގެން، ޖައްބާރު އަނިޔާވެރީންގެ ހަތިޔާރާ ދިމާޔަށް އެއްލެވި ލަކުޑިބުރީގެ ޤަދަރު، ޢަރަބި އިސްލާމީ ޤައުމުތަކުގެ ރަސްކަމާއި އަމީރުކަމާއި ރައީސްކަމާއި ބޮޑުވަޒީރުކަމުގެ މަޤާމުތަކުގައި އިށީނދެގެން ތިބި މުރުއްވަތްތެރިކަމެއް ޝަރަފެއް ޙުރުމަތެއް ނެތް އަދި ދުނިޔޭގެ އަޅުން ކަމުގައި ވެފައި ތިބި ސޮހޮލުންގެ އަތްތަކުގައި ވާ ރަންރިހީގެ ސަމުސާތަކާއި އޫތަކުގެ ފުނިފުންޏަށް ވުރެ އަޅުގަނޑުމެންގެ ގާތުގައި ބޮޑެވެ. ޔަޙްޔާ ސިންވާރު އެ ސޯފާއެއްގައި އިށީނދެވަޑައިގެން އިންނެވި، ހިރަފުހުން ތަތް ތެޅި، އަނިޔާވެރީންގެ ޙަމަލާތަކުގައި ހަލާކު ވެ އިންދިރާސް ވެފައި ހުރި ސޯފާގެ ޢިއްޒަތާއި ޖާހު، މުސްލިމުންގެ ލީޑަރުންނޭ ކިޔައިފައި ތިބި ޣައްދާރުން އެ ގޮނޑިތަކެއްގައި އިށީނދެގެން ތިބި މިލިއަން ޑޮލަރުގެ ގޮނޑިތަކަށް ވުރެ އަޅުގަނޑުމެންގެ ގާތުގައި ބޮޑެވެ. އާދޭހެވެ! ކޮންމެވެސް މީހަކު މީސްމީޑިއާގައި ބުނެފައި ވާ ފަދައިން، އޭނާގެ އަސާކޮޅުގެ އަގު މި އުއްމަތުގެ ތާރީޚުގައި ވަޒަން ކުރެވޭނީ ޢަރަބީންގެ ޕެޓްރޯޑޮލަރު ފުނިފުންޏާއި، ތުރުކީންގެ ޑްރޯން ފައުޖުތަކާއި، ޕާކިސްތާނީންގެ ނިޔުކުލިއަރު ހަތިޔާރުތަކަށް ވުރެ މަތިވެރި ކަމުގައެވެ.

މި ލިޔުމަކީ ޔަޙްޔާ ސިންވާރު – އަލްޤާޢިދުލް މުޖާހިދުއް ޝަހީދުލް އަޢްޡަމް އަބޫ އިބްރާހީމް ޔަޙްޔާ އައްސިންވާރު – ގެ ފަހު ވަޞިއްޔަތުގެ ދިވެހި ތަރުޖަމާއެކެވެ. ޔަޙްޔާ ސިންވާރު ޢަރަބި ބަހުން ލިޔުއްވި މި ވަޞިއްޔަތް، އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވި މީސްމީޑިއާއަށް ފުރަތަމަ ނެރުނީ ފަލަސްޠީނުގެ މިނިވަންކަމުގެ މުޙައްރިކެއް ކަމުގައި ވާ ”ޕަލީނަދާ“ ޓިކްޓޮކް އެކައުންޓުންނެވެ. ދިވެއްސަށް ގެނެސްފައި ވަނީ، ޕަލީނަދާގެ އިނގިރޭސި ތަރުޖަމާއިންނެވެ. ވިދާޅުވެލައްވާށެވެ!

”އަހަރެންނަކީ ޔަޙްޔާއެވެ. އަހަރެންނަކީ އަމިއްލަ ވަޒަނުން ފައްސައިލެވުމުން އުޅޭން ޖެހުނު ތަން ވަގުތީ ވަޒަންބިމަކަށް ބަދަލު ކޮށްލި، އަދި ދެކެމުން އައި ހުވަފެން ނިމުމެއް ނެތް އަބަދީ މަޢުރިކާއަކަށް ބަދަލު ކޮށްލި ރެފިޔުޖީއެއްގެ ދަރިއެވެ. މި ބަސްތައް ލިޔަމުން ދާ އިރު، އަހަރެންގެ ޙަޔާތުން ފާއިތު ވެފައި ވާ ކޮންމެ ހިނދުކޮޅެއް އަހަރެންގެ ހަނދާނަށް އައުދެއެވެ: ހަނި ގޯޅިތަކުގައި ހޭދަ ކުރެވުނު އަހަރެންގެ ޅަދުވަހުން ފެށިގެން، ޖަލުގެ ޤައިދުގައި ހޭދަ ކުރެވުނު ދިގު އަހަރުތަކާ ހަމަޔަށް، އަދި މި ބިމުގެ ފަސްގަނޑަށް އޮހޮރައިލެވުނު ކޮންމެ ލެއިތިއްކަކާ ހަމަޔަށެވެ.

 

އަހަރެން އުފަން ވީ ޚާން ޔޫނުސް ކޭންޕުގެ ފޭލިގެއެއްގައި 1962 ވަނަ އަހަރުއެވެ. ވީދައި ކުދިކުދި ކޮށްލެވިފައި ވާ ހަނދާނެއް، އަދި ސިޔާސީންގެ މޭޒުމަތީގައި އޮތް އޭގެ މަތީން މީސްތަކުން ހަނދާން ނެތިފައި ވާ ޗާޓެއް ކަމަށް ފަލަސްޠީނު ވެފައި ވަނިކޮށެވެ.

 

އަހަރެންނަކީ އެ މީހެއްގެ ދިރިއުޅުމުގެ ދުވަސްތައް އަލިފާނާއި އަޅިއާ ދެމެދުގައި ހޭދަ ކޮށްފައި ވާ މީހަކީމެވެ. އަހަރެންނަށް ވަރަށް ކުރީކޮޅު އިދުރާކު ކުރެވުނު ޙަޤީޤަތަކީ، އިޙްތިލާލުގެ ދަށުގައި ހޭދަ ކުރެވޭ ދިރިއުޅުމަކީ ދާއިމީ ޤައިދެއްކަމެވެ. އަހަރެންގެ ޅަޒުވާން ޢުމުރުގައި އެނގި މަޢުލޫމު ވި ކަމަކީ، މި ބިމުގެ ދިރިއުޅުމަކީ އާދައިގެ ދިރިއުޅުމެއް ނޫންކަމެވެ. މި ބިމަށް އުފަން ވާ ކޮންމެ ދަރިޔަކު މެ، އެ މީހެއްގެ ހިތް، ފުނޑުފުނޑު ކޮށްނުލެވޭނެ ހަތިޔާރަކަށް ހެދުން ނޫން ގޮތެއް ނެތްކަމާއި، ޙުއްރިއްޔަތާ ހަމަޔަށް ވާޞިލު ވުމަށް ޓަކައި ހިނގާން އޮތް މަގު ފިސާރި ދިގުކަމެވެ.

އަހަރެން ތިޔަބައިމީހުންނަށް ކުރާ ވަޞިއްޔަތުގެ ފެށުމަކީ މިއެވެ. އިޙުތިލާލީ ބާރުގެ ފައުޖުތަކާ ދިމާޔަށް ކުޑަ ކުއްޖެއްގެ ގޮތުގައި ހުރެގެން ފުރަތަމަ ހިލަ އެއްލި ވަގުތެވެ. އެ ކުޑަ ކުއްޖާއަކީ، އަހަރެމެންގެ ޒަޚަމަށް ބަލަހައްޓައިގެން އަޅައިލުމެއް ބަހެއް ބުނުމެއް ނެތި ވަރިހަމަކަމުގައި އޮންނަ ދުނިޔޭގެ ކުރިމަތީގައި، އަހަރެމެން ދުނިޔެއަށް އައިސް ފުރަތަމަ ދަސް ކުރާ ލަފުޒަކީ ”ހިލަ“ ކަން ވިސްނުނު ކުޑަ ކުއްޖާއެވެ.

ޣައްޒާގެ މަގުތަކުގައި އަހަރެންނަށް ލިބުނު ފިލާވަޅަކީ، އިންސާނެއްގެ ޙަޤީޤީ އަގާއި ބުރަދަން ވަޒަން ކުރެވެނީ އޭނާގެ ޢުމުރުން ފާއިތު ވެދާ އަހަރުތަކުގެ ޢަދަދުން ނޫންކަމާއި، އޭނާ އޭނާގެ ވަޠަނަށް ކޮށްދޭ ކަންކަމުން ކަމުގެ ފިލާވަޅެވެ. ފަހެ، އެއީ އަހަރެންގެ ޙަޔާތެވެ. ޖަލުތަކާއި، ޖިހާދުގެ މަޢުރިކާތަކެވެ. ވޭނާއި ކެކުޅުން، އަދި އުއްމީދެވެ.

އަހަރެން އެންމެ ފުރަތަމަ ފަހަރަށް ޖަލަށް ވަނީ 1988 ގައެވެ. އަހަރެންގެ މައްޗަށް ޢުމުރުދުވަހުގެ ޖަލުޙުކުމެއް އިއްވުނެވެ. ނަމަވެސް އަހަރެންނަކަށް ބިރު ގަންނާކަށެއް ނޭނގުނެވެ. ޖަލުގެ އަނދިރި ގޮޅިތަކުގައި، އަހަރެންނަށް ކޮންމެ ފައުރަކުން ފެނުނީ ދުރުދުރުގައި ވާ އާފާޤެއްގެ ރީތި މަންޒަރަށް ހުޅުވޭ ކުޑަދޮރެކެވެ. އެ ގޮޅިތަކުގެ ކޮންމެ ތޭރިއަކުން އަހަރެންނަށް ފެނުނީ މިނިވަންކަމުގެ މަގު އަލި ކޮށް ހުޅުދާން ކޮށްދިން އައްޔެކެވެ. ޖަލުގައި އަހަރެންނަށް ދަސް ވި ކަމަކީ، ކެތްތެރިކަމަކީ ހަމައެކަނި ފަޟީލަތެއް ނޫންކަމެވެ. އެއީ ހަތިޔާރެއް ވެސްމެއެވެ. ހިތިކަން ގަދަ ހަތިޔާރެކެވެ. އެ ހަތިޔާރު ބޭނުން ކުރާ މީހާ، ކަނޑުގެ ލޮނުގަނޑު ތިއްކަކުން ތިއްކަކުން ބޯ މީހަކު ފަދައެވެ.

އަހަރެން ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރަމެވެ. ޖަލުތައް ދެކެ ބިރު ނުގަންނާށެވެ! އެހެނީ އެއީ ތިޔަބައިމީހުންގެ މިނިވަންކަމާ ހަމަޔަށް ހިނގާން އޮތް ދިގު މަގުގެ ބައެއް ކަމުގައި މެނުވީ ނުވެއެވެ. ޖަލު އަހަރެންނަށް ނަގައިދިން ފިލާވަޅަކީ، މިނިވަންކަމަކީ ހަމައެކަނި ވަގަށް ގެންދެވިފައި ވާ ޙައްޤެއް ނޫންކަމާއި، އެއީ ވޭނާއި ކެކުޅުމުން އުފަން ވާ އަދި ކެތްތެރިކަމާއި ސަބުރުވެރިކަމުގެ ތެރެއިން ފައްކާ ވެ ފުރިހަމަ ވާ ފިކުރެއް ކަމެވެ. 2011 ވަނަ އަހަރުގެ ”ވަފާއުލް އަޙްރާރް“ ސަފަގާގެ ދަށުން އަހަރެން ޖަލުން މިނިވަން ވެގެން އައީ، ޖަލަށް ވަން އިރު އަހަރެން ހުރި ޙާލަތުގައެއް ނޫނެވެ. އަހަރެން ޖަލުން ނުކުތީ އިހުނަށް ވުރެ ވަރުގަދަ ނަފުސަކާއިގެންނެވެ. އަހަރެމެންގެ މި މަސައްކަތަކީ ވަގުތީ ޖުހޫދެއް ނޫންކަމާއި، މިއީ އަހަރެމެންގެ ލޭގެ އެންމެ ފަހު ތިއްކާ ހަމަޔަށް އަހަރެމެންގެ ބުރިކަށިމަތީގައި އަހަރެމެން އުފުލާން ޖެހިފައި ވާ އަހަރެމެންގެ ތަޤުދީރު ކަމާ މެދު އަހަރެންގެ އީމާންކަން އިހުނަށް ވުރެ އިތުރު ވެފައި ވާ ގޮތުގައެވެ.

އަހަރެންގެ ވަޞިއްޔަތަކީ ތިޔަބައިމީހުން މިނިވަންކަމުގެ ޖިހާދުގެ ބަޑީގައި ހިތާއި ރޫޙުގެ ހުރިހައި ޢަޒުމަކާ އެކު ހިފަހައްޓައިގެން ތިބުމެވެ. އެއްވެސް އަގެއްގައި ނީލަން ނުކިޔޭނޭ ކަރާމާތާއި ޢިއްޒަތުއްނަފުސުގައި ހިފަހައްޓައިގެން ތިބުމެވެ. ދުވަހަކު ކަށްވަޅަށް ދޫކޮށްނުލެވޭނޭ ހުވަފެނުގައި ހިފަހައްޓައިގެން ތިބުމެވެ. އަހަރެމެންގެ ޢަދާވާތްތެރިޔާ އެދެނީ އަހަރެމެން އަހަރެމެންގެ މުޤާވަމާ (resistance) ދޫކޮށްލައި ކުޑަކަކޫމައްޗަށް ތިރި ވުމެވެ. އަހަރެމެންގެ ޙައްޤުތައް ހޯދުމަށް އަހަރެމެން ކުރާ މަސައްކަތް ނިމުމެއް ނިހާޔަތެއް ނެތް މުޒާކިރާއަކަށް (negotiation) ހަދައިގެން ތިބުމެވެ.

އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ވަޞިއްޔަތް ކޮށް ބުނަމެވެ. ތިޔަބައިމީހުންނަށް ވާ ތިޔަބައިމީހުންގެ އަމިއްލަ ޙައްޤެއް ހޯދުމަށް ޓަކައި އެކަކާ ވެސް މުޒާކިރާ ނުކުރައްޗެވެ! އެމީހުން ތިޔަބައިމީހުންގެ ހަތިޔާރުތަކަށް ވުރެ ބޮޑަށް ބިރު ގަންނަނީ ތިޔަބައިމީހުންގެ ނުގުޑާ ޢަޒުމާއި ސާބިތުކަން ދެކެއެވެ. މުޤާވަމާއަކީ ހަމައެކަނި އަހަރެމެންގެ އަތްތަކުން އުފުލާ ހަތިޔާރެއް ނޫނެވެ. އެހެންނަކުން ނޫނެވެ. އެއީ އަހަރެމެންގެ ކޮންމެ ނޭވަޔަކާ އެކު އަހަރެމެން ފަލަސްޠީނު ދެކެ ވާ ލޯތްބެވެ. މުޤާވަމާއަކީ ޙިޞާރާއި ޢުދުވާނުގެ ބިރުވެރިކަމާއި އަނދިރިކަމުގެ ތެރޭގައި ވެސް، ނެތިފަނާ ވެނުގޮސް ދެމިތިބުމަށް އަހަރެމެންގެ އިރާދާގައި ކަނޑައަޅާކަނޑައެޅުމެވެ.

އަހަރެން ތިޔަބައިމީހުންނަށް ވަޞިއްޔަތް މި ކުރަނީ ޝަހީދުންގެ ލެޔަށް ވަފާތެރިކަމުގައި ތިބުމަށެވެ. އެއީ ތޫނު ކަށިތަކުން ފުރިގެން ވާ މި މަގު ކަޑައްތު ކުރުމުގެ ވާޖިބު އަހަރެމެންނާ މަތި ކޮށް ވަދާޢު ކޮށްފައި ދިޔަ ޝަހީދުންނެވެ. އަހަރެމެންގެ މިނިވަންކަމާ ހަމަޔަށް ވާޞިލު ވުމަށް ޓަކައި ހިނގާނޭ މަގެއް އަމިއްލަ ލެއިން އަގު ދީގެން ކޮށައިދިނީ އެމީހުންނެވެ. ވީމާ، ސިޔާސީ މީހުންގެ ހިސާބުޖެހުންތަކާއި ޑިޕްލޮމަސީގެ ތަމްސީލުތަކުގެ ތެރޭގައި ޣާފިލު ވެ އެ ޝަހީދުންގެ ޤުރުބާނީ އިސްރާފު ކޮށް ބޭކާރު ކޮށްލާ ބަޔަކު ކަމުގައި ނުވާށެވެ!

އަހަރެމެން މިއަދު މިތަނުގައި މިތިބީ، މި ޖިހާދުގެ ފެށުމުގައި ތިބި އަހަރެމެންގެ ކާބަފައިންގެ މަސައްކަތް ފުރިހަމަ ކުރާށެވެ. ކިތަންމެ ބޮޑު ޤުރުބާނީތަކެއް ވެ ކިތަންމެ ބޮޑު އަގުތަކެއް ދައްކާން ޖެހުނު ކަމުގައި ވިޔަސް، އަހަރެމެން ހަމަހިލާ މި މަގުން ފޭ ވެ ފަހަށް ޖެހިގެން ދުރު ވެގެން ނުދާނޫއެވެ! ޣައްޒާ ދެމިއޮންނާނީ ސާބިތުކަމާއި ކެތްތެރިކަމާއި ޢަޒުމުގެ ވެރިރަށުގެ ގޮތުގައެވެ. ދުނިޔޭގެ ބިން އަހަރެމެންގެ ކުރިމަތީގައި ހަނި ވެ ދަތި ވެގެން އައި ކަމުގައި ވިޔަސް، ޣައްޒާ ދެމިއޮންނާނީ ފަލަސްޠީނުގެ ހިތުގެ ގޮތުގައެވެ. އެ ހިތަކުން ވިންދު ހުސް ނުވާ، އެ ހިތެއްގެ ތެޅުމަށް ނިމުމެއް ނުވާ ހިތެއްގެ ގޮތުގައެވެ.

އަހަރެން 2017 ވަނަ އަހަރު ޣައްޒާގައި ޙަމާސްގެ ޤިޔާދަތާ ޙަވާލު ވި ވުމަކީ ހަމައެކަނި އެކެއްގެ އަތުން އަނެކެއްގެ އަތަށް ބާރުވެރިކަން ބަދަލު ވެ އިންތިޤާލު ވެގެން ދިޔަދިޔުމެއް ނޫނެވެ. އެއީ ހިލަތަކުން ފެށި ބަޑި އާއި އުންޑައިން ކުރިޔަށް ގެންދެވޭ މުޤާވަމާއެއްގެ އައު ފިޔަވަޅެކެވެ.

އަހަރެންގެ ހިތާއި ނަފުސު، އަހަރެންގެ އަހުލުވެރީން ޙިޞާރުގެ ދަށުގައި އުފުލަމުން ދާ ވޭނާއި ކެކުޅުންތައް ކޮންމެ ދުވަހަކު އިޙުސާސް ކުރެއެވެ. އަހަރެންނަށް އެނގި ކަށަވަރު ވިއެވެ. މިނިވަންކަމާ ދިމާޔަށް އަހަރެމެން އަޅާ ކޮންމެ ފިޔަވަޅެއް ވެސް އެޅެނީ ވަރަށް ބޮޑު އަގެއް ދައްކައިގެން ކަމެވެ. އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަމެވެ. ހަތިޔާރު ބަހައްޓައި އަމާން ދީ ނިކަމެތި ވެގަތުމުގެ އަގު މާ ބޮޑު ވެފައި މާ ހިތި ވާނެއެވެ. ވީމާ ގަހެއްގެ މޫ ބިންގަނޑަށް ހިފައި ސާބިތު ވެގެން ވާ ބީދައިން، މި ބިމުގައި ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތު ކުރާށެވެ! އެހެނީ، ސާބިތުކަމާއި ހިތްވަރާ އެކު ޙަޔާތާއި ދިރިތިބުމުގެ މަގު އިޚްތިޔާރު ކޮށްފި ޤައުމެއްގެ މޫތައް ބިމުން ލުހެލައި ބުރުވައިލެވޭ ވަރުގެ ވައެއް އެއްވެސް ޠޫފާނެއްގައި ނުވެއެވެ.

ޠޫފާނުލް އަޤްޞާގެ މަޢުރިކާގައި އަހަރެންނަކީ ޖަމާޢަތުގެ ނުވަތަ ޙަރަކާތުގެ ލީޑަރެއް ނޫނެވެ. އެހެނަސް، އަހަރެންނަކީ ޙުއްރިއްޔަތުގެ ހުވަފެންތައް ދެކެމުން ދިޔަ ކޮންމެ ފަލަސްޠީނީއެއްގެ އަޑެވެ. އަހަރެންނަށް މަގު ދެއްކީ، ޢުދުވާނާ ދެކޮޅަށް ސާބިތުކަމާ އެކު ހުއްޓި މުޤާވަމާގެ މަގުގައި ކުރިޔަށް ދިޔުމަކީ ޚިޔާރެއް ނޫންކަމާއި އެއީ ވާޖިބެއްކަމާ މެދު އަހަރެންގެ ހިތުގައި އޮތް ކަށަވަރުކަމެވެ. އަހަރެން ބޭނުން ވީ އެ މަޢުރިކާ އަކީ ފަލަސްޠީނުގެ މިނިވަންކަމަށް ޓަކައި ކުރެވޭ ބުރަ މަސައްކަތްތަކުގެ ވާހަކަ ލިޔެވެމުން ދާ ފޮތުގެ އައު ޞަފުޙާއަކަށް ވުމެވެ. އަހަރެމެންގެ ވަކިވަކި ސަފުތައް ގުޅި އެކަތިގަނޑަކަށް ވެގެން، އެއް ޚަންދަޤެއްގައި އެކުގައި ސާބިތު ވެތިބެ، ކުޑަ ކުއްޖެއް މުސްކުޅިއެއް ތަފާތު ނުކުރާ އަދި ހިލަގަނޑެއް ގަހެއް ވަކި ނުކުރާ ޢަދާވާތްތެރިއަކާ ދެކޮޅަށް ހުއްޓި އެ ޢަދާވާތްތެރިޔާއާ ކުރިމަތިލުމުގެ ވާހަކަ ލިޔެވޭ އައު ޞަފުޙާއަކަށެވެ.

ޠޫފާނުލް އަޤްޞާގެ މަޢުރިކާ އަކީ ހަށިގަނޑާއި ގުނަވަންތަކަށް ވުރެ ކުރީން ރޫޙާއި ނަފުސުން ހިންގުނު މަޢުރިކާއެކެވެ. ހަތިޔާރުތައް އަތްމައްޗަށް އުފުލައިލެވުމުގެ ކުރީން އިރާދާއިން ހިންގުނު މަޢުރިކާއެކެވެ. އަހަރެން އަހަރެންގެ ފަހަށް ދޫ ކޮށްފައި މި ދަނީ ޝަޚްޞީ ތުރާސެއް (personal legacy) ނޫނެވެ. އަހަރެން ދޫ ކޮށްފައި މި ދަނީ ޖަމާޢީ ތުރާސެކެވެ. މިނިވަންކަމުގެ ހުވަފެން ދުށް ކޮންމެ ފަލަސްޠީނީއަކަށް ޓަކައެވެ. އެ މަންމައެއްގެ ޝަހީދު ވި ފިރިހެން ދަރީގެ ހަށިގަނޑު ކޮނޑުމަތީގައި އުފުލި ކޮންމެ ފަލަސްޠީނީ މަންމައަކަށް ޓަކައެވެ. ޣަދަރުވެރި އުންޑައަކުން ތިމާގެ ކުޑަ އަންހެން ދަރިފުޅު ޤަތުލު ކުރެވިދިޔަ ހިނދު ހިތި ކަރުނަތައް އޮއްސި ކޮންމެ ބައްޕަޔަކަށް ޓަކައެވެ.

އަހަރެންގެ އެންމެ ފަހުގެ ވަޞިއްޔަތަކީ މިއެވެ. އަބަދުވެސް ހަނދާން ކުރައްޗެވެ! މުޤާވަމާ އަކީ އެއްވެސް ޙާލެއްގައި ބޭކާރަށް ދާނޭ ކަމެއް ނޫނެވެ. އެއީ ހަމައެކަނި ބަޑިއަކުން ޖަހައިލާ އުންޑައެއް ނޫނެވެ. އެއީ ޝަރާފަތާއި ކަރާމާތާ އެކު ހޭދަ ކޮށްލެވޭ ޙަޔާތެކެވެ. ޖަލާއި ޙިޞާރު އަހަރެންނަށް އުނގަންނައިދިން ކަމަކީ، ކުރާން ޖެހިފައި އޮތީ ނިކަން ދިގު ހަނގުރާމައެއް ކަމެވެ. ހިނގާން އޮތީ ނުހަނު ދަތި މަގެއް ކަމެވެ. އެހެނެއް ކަމަކު، ޖަލާއި ޙިޞާރު އަހަރެންނަށް އެހެން ކަމެއް ވެސް އުނގަންނައިދިނެވެ. އެ ކަމަކީ، އަމާން ދީ ކުޑަކަކޫ ޖެހުމަށް އިންކާރު ކުރާ ޤައުމުތަކާއި މީސްތަކުން އެމީހުންގެ އަތްތަކުން އެމީހުންގެ އަމިއްލަ މުޢުޖިޒާތުތައް އުފައްދާކަމެވެ.

ދުނިޔެ ތިޔަބައިމީހުންނަށް ޢަދުލުއިންޞާފު ހޯދައިދޭނޭ ކަމުގެ ހީ އާއި އިންތިޒާރު ނުކުރާށެވެ! ފަހެ، ދުނިޔެ އަހަރެމެންގެ ވޭނާއި ކެކުޅުންތަކުގެ ކުރިމަތީގައި އަޅައިނުލުމާއި ވަރިހަމަކަމުގެ ހިމޭންކަމުގައި ތިބޭ މަންޒަރު އަހަރެންގެ ލޮލުން ދެކެ އަތުން ހިފައިފީމެވެ. ބައެއްގެ ފަރާތުން ޢަދުލުއިންޞާފު ލިބޭނެ ކަމުގެ އިންތިޒާރުގައި ތިބުމުގެ ބަދަލުގައި، ތިޔަބައިމީހުންނަކީ ޢަދުލުއިންޞާފު ކަމުގައި ވެގަންނާށެވެ! ފަލަސްޠީނުގެ އުއްމީދު ތިޔަބައިމީހުންގެ ހިތްތަކުގައި އުފުލާށެވެ! ކޮންމެ ޒަޚަމެއް ހަތިޔާރަކަށް ބަދަލު ކޮށްލާށެވެ! ކޮންމެ ކަރުނަ ތިއްކެއް އުއްމީދުގެ އޮށަކަށް ބަދަލު ކޮށްލާށެވެ!

 

މިއީ އަހަރެންގެ ފަހުގެ ވަޞިއްޔަތެވެ:

ތިޔަބައިމީހުން ފަހަރެއްގައިވެސް ހަތިޔާރު ނުބަހައްޓާށެވެ! ތިޔަބައިމީހުންގެ އަތުގައި ވާ ހިލަތައް އުކައިނުލާށެވެ! ތިޔަބައިމީހުންގެ ޝަހީދުންގެ މަތީން ހަނދާން ނައްތައިނުލާށެވެ! އަދި ތިޔަބައިމީހުންގެ ޙައްޤެއް ކަމުގައި ވާ ހުވަފެން ފަހަރެއްގައިވެސް ދޫކޮށްނުލާށެވެ!

އަހަރެމެން މިތަނުގައި، އަހަރެމެންގެ ބިމުގައި، މި ތިބީ ދާއިމަށެވެ. އަހަރެމެންގެ މި ވަޠަން ދޫކޮށްފައި އެހެން ތަނަކަށް ދާ ގޮތަކަށް ނޫނެވެ. އަހަރެމެން އެކަކު އަނެކެއްގެ ހިތްތަކުގައި ދެމިތިބޭނޫއެވެ. އަހަރެމެންގެ ދަރީންގެ މުސްތަޤުބަލުގައި ދެމިތިބޭނޫއެވެ. އަހަރެން ތިޔަބައިމީހުންނަށް ވަޞިއްޔަތުން ދޫ މި ކުރަނީ ފަލަސްޠީނެވެ. އަހަރެން މަރާ ބައްދަލު ކުރުމާ ހަމަޔަށް އެ ވަޠަނެއް ދެކެ ލޯބި ވި ފަލަސްޠީނެވެ. އަހަރެން ތިޔަބައިމީހުންނަށް ވަޞިއްޔަތުން މި ދޫ ކުރަނީ އަހަރެންގެ ކޮނޑުގައި، ބިންދައިނުލެވޭނޭ ފަރުބަދައެއް ފަދައިން، އުފުލި ހުވަފެނެވެ.

އަހަރެން ވެއްޓިއްޖެއްޔާ ވެސް، ތިޔަބައިމީހުން އަހަރެންނާ އެކީ ނުވެއްޓެއްޗެވެ! އެހެނެއް ކަމަކު، އެ ރާޔަތެއް ދުވަހަކުވެސް ބިންމައްޗަށް ވެއްޓިފައި ނުވާ ރާޔަތު އަހަރެންނަށް ޓަކައި އުފުލައިދެއްޗެވެ! އަހަރެންގެ ލެޔަކީ، އަހަރެމެންގެ އަޅިތަކުގެ ތެރެއިން އުފަން ވާ ފަލަސްޠީނުގެ އައު ޖީލެއް ކުރިޔަށް ހިނގުމަށް ޓަކައި ހުރަސް ކުރާ ފާލަމެއް ކަމުގައި ހަދައިދެއްޗެވެ!

ވަޒަންބިމަކީ ރިވާ ކުރެވި ކިޔައިދެވޭ ވާހަކައެއް ނޫންކަމާއި، އެއީ ދިރިއުޅެވޭ ޙަޤީޤަތެއްކަން ފަހަރެއްގައިވެސް ހަނދާން ނައްތައިނުލާށެވެ! ޝަހީދު ވެގެން ވެއްޓޭ ކޮންމެ ޝަހީދެއްގެ ފުށުން މި ބިމުގެ ބަނޑުން މުޤާވަމާގެ އެއްހާސް ފަހުލަވާނުން އުފަން ވަމުން ދާނެއެވެ. މުޤާވަމާގެ ސައިލު އެނބުރި އަންނަ އިރު އަހަރެން ތިޔަބައިމީހުންނާ އެކުގައި ނެތިއްޔާ، ދަންނާށެވެ! އަހަރެންނަކީ މިނިވަންކަމުގެ ރާޅުތަކުގެ ފުރަތަމަ ތިއްކެވެ. އަހަރެން ދިރިއުޅުނީ ތިޔަބައިމީހުން މިނިވަންކަމުގެ ދަތުރު ފުރިހަމަ ކުރާ މަންޒަރު ދުށުމަށް ޓަކައެވެ.

އެމީހުންގެ ކަރުގައި ތާށި ވެފައި ވާ ކަށްޓެއް ކަމުގައި ވާށެވެ! އައިކޮޅަށް އެނބުރި ދާން ނުދަންނަ ސައިލެއް ކަމުގައި ވާށެވެ! އަހަރެމެންނަކީ މި ވަޠަނުގެ ޙައްޤުވެރި އަދި މިލްކުވެރި ދަރީންކަމާއި، ޚަބަރުތަކާއި ސުރުޚީތަކުގައި ހިމެނޭ ނަންބަރުތަކެއް ނޫންކަން ދުނިޔެ ޤަބޫލު ކޮށްފުމަށް ދާންދެން މައިތިރި ނުވެ ހުޅިލައި ކެކިއަރާ ގަދަފަދަ ޠޫފާނީ ސައިލެއް ކަމުގައެވެ.

 

ޔަޙްޔާ އިބްރާހީމް ޙަސަން އައްސިންވާރު – ޣައްޒާ“

ޣައްޒާގައި އަނިޔާވެރި ހުޅަނގާއި އެމީހުންގެ ސަހުޔޫނީ ޖައްލާދުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި، ޔަޙްޔާ ސިންވާރު ޝަހީދު ކޮށްލީ މި ހިނގާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ ޝަހީދު ކޮށްލުމުގެ ކުރީން، އޭނާގެ ރިވެތި ޙަޔާތުގެ އެންމެ ފަހު ހިނދުކޮޅުގައި ކަންކަން ވެގެން ދިޔަ ގޮތް ސަހުޔޫނީންގެ ޑްރޯނެއްގެ އެހީގައި ރިކޯޑު ކޮށް، ވަނީ މުޅި ދުނިޔެއަށް ޢާއްމު ކޮށްފައެވެ. އެމީހުން ހިތުން ޔަޙްޔާ ސިންވާރު ޝަހީދު ވެގެންދާ މަންޒަރު ފަލަސްޠީނާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުން އަދި ޙައްޤަށް ގޮވައިލާ އެތައް މިލިއަން އިންސާނުންގެ ހިތްތަކަށް މާޔޫސްކަން ގެނުވާ އެއްޗަކަށް ވާނޭ ކަމުގައެވެ. ސަހުޔޫނީ ބޮޑު ޖައްލާދު އަދި އެކާވީސްވަނަ ޤަރުނުގެ ފިރުޢައުނުންގެ ތެރޭގައި ހިމެނޭ ބެންޖަމިން ނަތަންޔާހޫގެ ނަން މަޝްހޫރު ކޮށްދީ، އޭނާއަށް ނަޞްރު ލިބިއްޖެކަން ސާބިތު ކޮށްދޭނޭ ހެއްކަކަށް އެ ވީޑިއޯ ވާނޭ ކަމުގައެވެ. ނަމަވެސް ކަންތައް ވީ އެމީހުން ހީ ކުރި ގޮތާ މުޅީން ޚިލާފަށެވެ. ދުނިޔޭގެ ހުރަހަށާއި ދިގަށް، އެ ވީޑިއޯ ބެލި އެތައް މިލިއަން ބަޔަކަށް އެ ވީޑިއޯ ވެގެން ދިޔައީ ޔަޙްޔާ ސިންވާރުގެ ހިތްވަރުގަދަކަމާއި، ތެދުވެރިކަމާއި، މުރުއްވަތްތެރިކަމާއި، މަތިވެރިކަމުގެ ހެއްކަކަށެވެ. އެ ވީޑިއޯގެ ސަބަބުން ޔަޙްޔާ ސިންވާރަކީ ބަޠަލުންގެ ބަޠަލެއްކަން ދުނިޔެއަށް ހާމަ ވެ، މުޅި ދުނިޔެ އެ ޙަޤީޤަތް ޤަބޫލު ކޮށްފިއެވެ. އެމީހުން ތަދުބީރު ކުރިއެވެ. ނަމަވެސް ﷲ ގެ ތަދުބީރުފުޅުގެ ސަބަބުން އެމީހުންގެ ތަދުބީރު ފޭލި ވީއެވެ. އެކަލާނގެއަށް ޙަމްދު ހުއްޓެވެ!

ކީރިތި ޤުރްއާނަކީ ޙައްޤު ވެގެންވާ މަތިވެރި ރަސްކަލާނގެ ކަލާމްފުޅެވެ. އެކަލާނގެ ކަލާމްފުޅުގައި ހިމެނޭ އާޔަތްތަކާއި ބަސްފުޅުތަކަކީ މި ދުނިޔޭގައި ތަމްސީލު ވެ ހިނގަމުންދާ އެތައް ކަމެއްގެ ޙަޤީޤަތާ ހަމަޔަށް މުސްލިމުންގެ ހިތްތައް ގެންގޮސްދޭ ނޫރެކެވެ. ހާދީއެކެވެ. އާރުކާޓީއެކެވެ. ބައެއް ފަހަރު ޙައިރާން ކުރުވަނިވި ގޮތްގޮތަށެވެ.

ކީރިތި ޤުރްއާނުގެ ދެތިން އާޔަތެއްގެ މައްޗަށް ބަލައިލަމާ ހިންގަވާށެވެ! ސޫރަތުލް އަޢްރާފުގެ 116، 117، އަދި 118 ވަނަ އާޔަތަށެވެ. މި އާޔަތްތަކުގައި ކީރިތިވަންތަ ﷲ އަންގަވައިފައި ވެއެވެ. ”… ދެންފަހެ، އެއުރެން (އެއުރެންގެ ސިޙުރުތައް) އެއްލި ހިނދު، މީސްތަކުންގެ ލޯތަކަށް ސިޙުރު ދައްކައި، މީސްތަކުން ބިރު ގެންނެވޫއެވެ. އަދި ބޮޑު ވެގެންވާ ސިޙުރެއް އެއުރެން ގެނައޫއެވެ. (ދެން) ތިމަން ރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ދެން (އެކަލޭގެފާނުގެ އަސާކޮޅު އެއްލެވީމާ) އެހައިރުން އެ އަސާކޮޅު އެއުރެން ދޮގުވެރިކަމުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިލައިފިއެވެ. ފަހެ، ޙައްޤު ތެދު ފައުޅު ވެއްޖެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލު ވެގެން ހިނގައްޖެއެވެ.“

މޫސާ ޢަލައިހިއްސަލާމަކީ ބަނީ އިސްރާއީލުގެ ރަސޫލުން ނަބީންގެ ތެރެއިން އެންމެ މަތިވެރި ސާހިބާއެވެ. އެކަލޭގެފާނަށް ޞަލަވާތާއި ސަލާމާއި ލޯތްބާއި އިޙުތިރާމުގެ ގުލްދަސްތާތަކުން ބަރުތީލަ ކުރަމެވެ.

ފަލަސްޠީނަށް އަރައި އެބިން ފޭރިގެން، އެ ބިމުގައި މުސްލިމުންގެ ލެއިން ފެންކުޅި ކުޅެމުންދާ އަނިޔާވެރި އަދި ޖައްބާރު ސަހުޔޫނީންނަކީ އެމީހުން ދަޢުވާ ކުރާ ގޮތުން މޫސާ ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންނެވެ. އެކަލޭގެފާނުގެ އަހުލުވެރީންނެވެ. އެކަމަކު ކަންކަން ވީ ގޮތް ބައްލަވާށެވެ! އެމީހުން ޔަޙްޔާ ސިންވާރާ ދެކޮޅަށް ވަރުގަދަ ހަތިޔާރެއް ފޮނުވިއެވެ. މީހަކު ނެތި އުދުހޭ ޑްރޯނެކެވެ. އެތައް މޭލެއްގެ ދުރުގައި ހުންނަ މީހަކު ބުނާހައި ތަނަކަށް ގޮސް، ބުނާ ތަނެއް ވީޑިއޯ ކޮށް، ބުނާ ތަނަކަށް ޙަމަލަ ދިނުމުގެ ކުޅަދާނަކަން ލިބިގެން ވާ ހަތިޔާރެކެވެ. މަކަރާއި ޙީލަތުގެ ހަތިޔާރެކެވެ. ސިޙުރުވެރީން މޫސާގެފާނާ ދިމާޔަށް އެއްލި ސިޙުރުތައް ފަދައިން، ޢަޖާއިބު ކުރުވަނިވި ސިޙުރެއް ފަދަ ހަތިޔާރެކެވެ. އެމީހުން އެ ހަތިޔާރު ޔަޙްޔާ ސިންވާރު ހުންނެވި ތަނަށް އެއްލުމުން، އޭނާ އޭއްޗާ ދިމާޔަށް އެއްލެވީ އޭނާގެ ހަތިޔާރެއް ކަމުގައި ވި ލަކުޑި ފަތިކޮޅެކެވެ. އާދެ، އޭނާގެ އަސާކޮޅެވެ. އޭނާގެ އަތްޕުޅުގައި އޮތް ދަނޑިބުރިއެވެ. ދެން އެ ދަނޑިބުރި، ސަހުޔޫނީންގެ މަކަރާއި ޙީލަތް ކައި ހުސް ކޮށްލައިފިއެވެ. ޔަޙްޔާ ސިންވާރަކީ ފިނޑިއެކޭ، ޓެރަރިސްޓެކޭ، ދޮގުވެރިއެކޭ، އޭނާ ފިއްލަވައިއޮންނަވަނީ ބިމުއަޑީގެ ބިންގަރާސްތަކުގައޭ، އޮންނަވަނީ އަމިއްލަ ހަށިކޮޅުގެ ޙިމާޔަތުގައި ޣައްޒާގެ ޢާއްމުންގެ ހަށިތަކުގެ އައްޑަނައެއް ހައްދަވައިގެން އެ އައްޑަނައިގެ ބިއްދޮށުގައޭ، ހަމަ އެފަދަ އައްޑަނައެއްގެ ގޮތުގައި އަރިޔަހުގައި ސަހުޔޫނީ ޤައިދީން ވެސް ބައިތިއްބަވައިގެންނޭ“، މި ބާވަތުން އެމީހުން ހަދައި ފަތުރަމުން އައި ހުރިހައި ދޮގުތަކެއް، ޔަޙްޔާ ސިންވާރު އެއްލެވި އަސާކޮޅުގެ ބަނޑުތެރެއަށް ގޮސް ވުޖޫދުން ފޮހެވިގެން ހިނގައްޖެއެވެ. އެ އަސާކޮޅު، ޔަޙްޔާ ސިންވާރަކީ ތެދުވެރި، މުރުއްވަތްތެރި، ހިތްވަރުގަދަ، އީމާންތެރި، އެންމެ މަތީ ދަރަޖައިގެ ބަޠަލެއްކަން ސާބިތު ކޮށްދީފިއެވެ. މޫސާގެފާނުގެ އަސާކޮޅު އެކަލޭގެފާނުގެ ހިތްވަރުފުޅުގަދަކަމާއި އީމާންކަމާއި ތެދުވެރިކަން ފިރްޢައުނުގެ ކުރިމަތީގައި ސާބިތު ކޮށްދިން ފަދައިންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!