ސަރުކާރުން ޓެކްސީ ކުރަން ފެށީމާ ޑްރައިވަރުން ބިކަވާނެ ކަމަށްބުނެ، ޓެކްސީ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި ސަރުކާރުން މާލެ ސަރަހައްދުގައި ޓެކްސީ ލައިނެއް ތައާރަފު ކުރަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވައިދޭން ޓެކްސީ އެސޯސިއޭޝަނުން އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގަ އެވެ. އެގޮތުން އެ އެސޯސިއޭޝަނުން ވަނީ މިކަން ސަރުކާރުން ކޮށްފި ނަމަ އިގްތިސާދީ ގޮތުން ދަތި މި ދަނޑިވަޅުގައި އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެފައެވެ.
މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދިނުމަށް ކުންފުންޏަކާ ހަވާލުކޮށްގެން ހިދުމަތް ދޭގޮތަށް ހަދަން ސަރުކާރުން ނިންމިކަން އިއުލާން ކުރީ އިއްޔެއެވެ. އެގޮތުން މިކަން އިއުލާން ކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކާ މި މަސައްކަތް ހަވާލު ކުރެވޭ ވަރުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީން ވަނީ މާލެ ފެހި ޕްރޮގްރާމްގެ ދަށުން އެ މަސައްކަތް ކުރުމަށް އެމްޓީސީސީއަކީ ރަނގަޅު ކުންފުންޏެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް މި މަސައްކަތް ކުރަން ހަވާލު ކުރަނީ ކޮން ބަޔަކާ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
”މާލެ ފަހި“ ޕްރޮގްރާމްގައި ހިމެނޭ ޓެކްސީ ލައިން ހުއްޓައި ދިނުމަށް ގޮވާލާ ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޓެކްސީ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ނިޔާޒު ވިދާޅުވީ މި ޓެކްސީ ލައިންގެ ސަބަބުން އިގްތިސޯދީ މި ދަތި ވަގުތުގައި އިތުރު މައްސަލަތަކެއް ނުކުންނާނެ ކަމަށެވެ. އަދި ސަރުކާރުން ޓެކްސީ ކުރަން ފެށީމަ ޑްރައިވަރުން ބިކަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ މިކަން ނުހުއްޓުވައިފި ނަމަ ޓެކްސީ ސެންޓަރުތައް ބިކަވެ ކާރު ވައްދާ ގަރާޖުތައްވެސް ބިކަވާނެ ކަމަށެވެ. އަދި ސަރުކާރުން މި ހިދުމަތް ފަށަނީ ޓެކްސީ ޑްރައިވަރުންގެ ލަފާ ހޯދައިގެން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.