ހާސިލުކުރެވޭ އިލްމު ބޭނުންކޮށްގެން ގައުމު އާރާސްތުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރައީސް އެފަދައިން ގޮވާލެއްވީ މިއަދު ބޭއްވި ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ދަރިވަރުންނެއް ގްރެޖުއޭޓްވެގެން ނުކުންނަ ކަމަށާއި އެއާއެކު ރާއްޖޭގައި އިލްމީ ވަރަށް ބޮޑު އާބާދީއެއް އެބައޮތް ކަމަށެވެ.
ހަމަ އެހެންމެ ގައުމީ ޔުނިވާސިޓީ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެ އާބާދީ އިތުރުވެ އިލްމީ އިތުރު ދާއިރާތަކުން ވެސް ބޭފުޅުން ފެންނަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”އެހެންވީމާ މި ހާސިލުކުރެވޭ އިލްމަކީ އެ އިލްމުގެ ބޭނުން ހިފައިގެން އަޅުގަނޑުމެންގެ ގައުމު އާރާސްތުކުރުމުގައި ބޭނުން ހިފާއެއްޗަކަށް އެބަ ހަދަން ޖެހޭ. ގައުމެއް ބިނާ ކުރެވޭނީ އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ ދެ އެއްޗަކުންނޭ. އެއީ ފިކުރީ ގޮތުން އަދި ފިޒިކަލް ފެންނަން ހުންނަ ގޮތުން. މި ދެގޮތުން.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފިކުރީ ގޮތުން ކުރަން ޖެހޭ ކަންކަމަށް ގައުމީ ވިސްނުމެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މުހިންމީ އަމިއްލަ ސިކުނޑިން ވިސްނައިގެން ވަމުންދާ ގޮތް ދެނެގަތުން ކަމަށާއި، އެ މޭރުމުން ކަންކުރުމުން، ޙަޤީޤަތް ސާފުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަމިއްލަ ނަފުސަށް އިތުބާރުކޮށް، އަމިއްލަ ސިކުނޑިން ވިސްނަގައިގެން ހޯދި ނަތީޖާގެ ފޮނިމީރުކަން، އަމިއްލަ ނަފުސަށާއި، އާއިލާއަށާއި ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައި ކުރިއަށް ދިއުމަށް، ވެސް ރައީސް މުއިއްޒު މިއަދު ގޮވާލެއްވި އެވެ.