މިވަރުގެ ވިޔާނުދާ ސަރުކާރެއް ރާއްޖޭގެ ވެރިކަމަށް އަދި އައިސްފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީގެ ސަރުކާރު ގޯސްވެގެން އެއަށް ވުރެ ރަނގަޅު ވެރިކަމަށް ދައްކާނެ ކަމަށް ބުނަމުން ކަމަށާއި ނަމަވެސް މި ސަރުކާރުގެ އަމަލުތައް ހުރީ މުޅިން އެއާ އިދިކޮޅަށް ކަމަށެވެ.
”މިވަރުގެ އަނިޔާވެރި ނުވަތަ މިވަރުގެ ވިޔާނުދާ ސަރުކާރެއް އައި ކަމަކަށް ނުފެނޭ،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ހުރިހާ ސަރުކާރެއްގައި ވެސް ކޮރަޕްޝަން ހުންނާނެ ކަމަށް ގަބޫފުޅުކުރައްވާ ކަމަށާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިނގުމުން އެ މައްސަލަ ބަލަން ވެރިކަމުގައި ހުންނަވައިގެން އެމަނިކުފާނަށް ކެރިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިނުގަންނަވާ ކަމަށާއި ތަފާތަކީ އެއީ ކަމަށް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ ހޯމް މިނިސްޓްރީގެ ތެރޭގައި ޕީއެންސީގެ ފޯމު ފުރުމުގެ ކަންކަން ކުރިއަށް ގެންދާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މަގާމުގެ ނާޖާއިޒު ބޭނުން ކުރުމާއި ނާޖާއިޒު ނުފޫޒު ބޭނުން ކުރުމަކީ ކޮރަޕްޝަން ކަމަށް ވިދާޅުވި އެވެ.
”އިހުސާންގެ އޮފީހުގެ ތެރޭގައި ޕީއެންސީގެ ފޯމު ފުރަމުން ގެންދިޔާމަ އެކަހަލަ ކަންތައް ހަޑިއޭ، ކަޑައޭ. ހަމަ ކަޑަ އިނގޭތޯ މި ކަންކަން،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ބާރު އޮތުމުން މިފަދަ ކަންކަން ކުރެވިދާނެ ކަމަށާއި ނަމަވެސް މި ހަދަނީ ގޯސް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މިފަދަ ކަންކަމަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް މިއަދު ނެތުމަކީ ދިވެހިންގެ ބަދު ނަސީބު ކަމަށްވެސް ވިދާޅުވި އެވެ.