ޗައިނާގައި ދަރިން ހޯދަން ސަރުކާރުން ނިކުމެއްޖެ
ދެންމެ | 01 ނޮވެމްބަރ 2024

ޗައިނާގެ އާބާދީ ދަށަށް ދިއުމާ ގުޅިގެން، އެ ޤައުމުގެ ސަރުކާރުގެ ފަރާތުން ދަނީ އަންހެނުންނަށް ގުޅައި، ދަރިން ހޯދުމަށް ބާރުއަޅަމުންނެވެ. މިކަން ހާމަވެގެން ދިޔައީ ސައުތު ޗައިނާ މޯނިންގ ޕޯސްޓުގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކުންނެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 35 އަހަރުގެ ޖޭން ހުއާންގ އަށް ސަރުކާރުގެ އޮފިޝަލަކު ގުޅައި، އޭނާ މިހާރު ބަލިވެ އިންތޯ ސުވާލުކޮށްފައިވެއެވެ. އަދި އެންމެ ފަހުން މައްސަރުކަންތައް އައި ތާރީޚު ސާފުކުރުމަށްފަހު، މިހާރު މިއީ ދަރިއަކު ހޯދުމަށް ”ރަނގަޅު ވަގުތު“ ކަމަށް ބުނެފައިވެއެވެ.

ޗައިނާގެ ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރުން ދާދި ފަހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ”ކައިވެންޏާއި ދަރިމައިވުމާ ބެހޭ ގޮތުން ދެކޭ ގޮތްތަކާއި މައިގަނޑު ނުފޫޒު ފޯރުވާ ސަބަބުތަކާ ބެހޭ ގޮތުން އާ ޑޭޓާއެއް ހޯދުމަށް“ މުޅި ގައުމުގައި ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ސަރވޭގެ މަޤްޞަދަކީ ކައިވެންޏާއި ދަރިން ހޯދުމާ މެދު މީހުންގެ ޚިޔާލު ހޯދުމާއި، އެކަމަށް އަސަރުކުރާ މައިގަނޑު ކަންކަން ދެނެގަތުމެވެ.

މި ސަރވޭގައި އަލިއަޅުވާލާނީ ދަރިން ހޯދުމާއި ބެލެހެއްޓުމުގައި ޢާއިލާތަކަށް ދިމާވާ ދަތިތަކާއި ބޭނުންތަކާއި، ދަރިން ނުހޯދަން ބޭނުންވާ ނުވަތަ ދަރިން ހޯދަން ޖެހިލުންވާ ސަބަބުތައް ދެނެގަތުމަށެވެ. މިއީ ދަރިން ހޯދުމަށް ހިތްވަރުދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ރަނގަޅުކުރުމަށް ސައިންޓިފިކް އަސާސެއް ހޯދުމަށް ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!