ފަލަސްތީނާއި މެދު އޮތް ބޭއިންސާފް ނިންމަން ޖެހޭ: ރައީސް
ދެންމެ | 12 ނޮވެމްބަރ 2024

ފަލަސްތީނުގެ ރައްޔިތުންނާ މެދު ޒަމާނުއްސުރެ ގެންގުޅޭ ބޭއިންސާފު ނިމުމަކަށް ގެންނަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާޟްގައި މިހާރު ކުރިއަށްދާ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓްގައި ތަޤްރީރުކުރައްވައި، ފަލަސްތީނުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވީ، ފަލަސްތީނުގެ ޙައްގުގައި ނިންމަން ޖެހޭ ނިންމުންތައް، އެއް އުންމަތެއްގެ ޙައިސިއްޔަތުން މިއަދު ނުނިންމައިފި ނަމަ، މާދަމާގެ ޖީލުތަކުން މިއަދުގެ ވެރީން އިންސާފުކުރާނީ ނުބައި ގޮތެއްގައި ކަމަށެވެ.

ރައީސް ވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ޙަމަލާތައް ކުށްވެރިކުރި ނަމަވެސް، ފިޔަވަޅުތައް ނާޅާތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޣައްޒާގައި ހަރަކާތްތެރިވާ އދ. ގެ ޖަމިއްޔާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް 75 އަހަރު ވަންދެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަންރުވާއަށް ފަލަސްތީނަށް ނުވަދެވޭ ގޮތް ހެދުމަށް އިސްރާއީލުން ނިންމި ނިންމުމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައި، އިސްރާއީލުން ހިންގާ ޖަރީމާތައް އެމަނިކުފާނު ވަނީ ކުށްވެރިކުރައްވާފައެވެ.

އަދި އުންރުވާއަށް އެހީތެރިވުމުގައި ބައިނަލްއަގުވާމީ މުޖްތަމައުއިން ދެމިތިބުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!