ސަރުކާރު ކުންފުނިތަކުގައި އޮތީ ވައްކަމާއި ކޮރަޕްޝަން، ފިޔަވަޅު އަޅަން ޖެހޭ: ނާޒިމް
ދެންމެ | 18 ނޮވެމްބަރ 2024

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަންގެ އަމަލުތައް އަދިވެސް ހިންގަމުންދާ ކަމަށާއި ފިޔަވަޅު އަޅަން ކެރެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިދިޔަ އަހަރު ކުންފުނިތަކަށް ސަރުކާރުން 940 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ، އެހެންނަމަވެސް ކުންފުނިތައް ރަނގަޅުވާތަން ނުފެންނަކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކޮރަޕްޝަން އެންމެ ބޮޑަށް އޮތީ ސިއްހީ ދާއިރާގައިކަމަށެވެ. އެގޮތުން ކުރިން ހެދިފައިވާ އެއްބަސްވުންތަކުން އަދިވެސް ކޮރަޕްޝަން އަމަލުތައް ހިންގަމުން އަންނަކަމަށް ނާޒިމް ވިދާޅުވިއެވެ.

“ ވެރިކަން ބަދަލުވުމާއެކު ހޮސްޕިޓަލްތަކުގައި ހުންނަ މެޝިންތަކުގައި ބްރޭންޑުތައް ބަދަލުވޭ. މި ކަހަލަ ކަންކަން ވާތީ އަޅުގަނޑު މި ދަންނަވަނީ މީގެ ތެރެއިން ފޭދިގެން ދާ ބައި ވަރަށް ބޮޑޭ،“ ނާޒިމް ވިދާޅުވިއެވެ.

ކުންފުނިތަކުގައި މިހާރުވެސް ކޮރަޕްޝަން ކަންކަން ހިންގަމުން އަންނަކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެކަންކަން ހުއްޓޭ މަންޒަރު ނުފެންނަކަމަށެވެ. ނާޒިމް ވަނީ ކުންފުނިތަކުން ކަރެޕްޝަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ކެރިވަޑައިގަންވަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކުންފުނިތައް ބަލަހައްޓާ ޕީސީބީ އުވާލަން ނާޒިމް ވަނީ ގޮވާލައްވާފައެވެ. އަދި ކުންފުނިތައް ފިނޭންސް މިނިސްޓްރީ ދަށަށް ބަދަލުކުރަން ކުރަންޖެހޭ ކަންކަން ކުރަން މިނިސްޓަރު ޒަމީރަށް ނާޒިމް ވަނީ ގޮވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!