ގެދޮރުވެރި ލޯނު ތިން މަސްތެރޭ ދޫކުރަން ފަށާނެ: ވަޒީރު
ދެންމެ | 26 ނޮވެމްބަރ 2024

ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ތައާރަފުކުރި ”ހިޔާވެހި ފައިނޭންސިން“ ސްކީމުގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

ހިޔާވެހި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ލޯނު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ކަމަށެވެ.

މި ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށާއި ފަސް ޕަސަންޓު ފައިދާގައި 25 އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރާ ލޯނު ސްކީމެކެވެ. މި ސްކީމުގެ ދަށުން އަތޮޅުތަކަށް އެއް މިލިއަން ރުފިޔާ އާއި މާލެ ސަރަހައްދަށް 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެ އެވެ.

ސަރުކާރުން މި ސްކީމަށް އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އަދި ބޭންކުތަކުން ޖުމުލަ ދެ ބިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!