އޮޅުހިޔާއަށް ބުޅާތައް ގެންދަންވާނީ ވަކި ޕްލޭނެއްގެ ދަށުން ކަމަށާއި އެހެންނޫންނަމަ، ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.
މާލޭގެ މަގުތަކުން ބުޅާތައް ނަގައި އޮޅުހިޔާއަށް ބުޅާތައް ގެންދިއުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. ތަނުން ދެވޭ ހިދުމަތް ފެށުމަށް މީހުންނާއި ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު އެ ކައުންސިލުން ބުނެފައިވެ އެވެ.
މިނިސްޓްރީން އެހެން ބުނީ މާލެ ސިޓީގެ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ނެރުނު ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ ބުޅާތައް އޮޅުހިޔާއަށް ގެންދިއުމުގައި އަމަލުކުރާނެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް ސިޓީ ކައުންސިލާ ހިއްސާކޮށްފައި ވިނަމަވެސް، މިހާތަނަށް އެއްވެސް ހިޔާލެއް އެ ކައުންސިލުން ދީފައި ނުވާ ކަމަށެވެ. ވުމާ އެކު އެ ކައުންސިލުން މިހާރު ރާވާފައިވާ ގޮތަށް މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ގެންދިއުމަކީ މިނިސްޓްރީއަށް ފެންނަ ކަމެއް ނޫން ކަމަށެވެ.
އޮޅުހިޔާއަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ނޫނީ އެތަނަށް ބުޅާތައް ނުގެންދިއުމަށް ސިޓީ ކައުންސިލަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.