މިއަހަރު އެކަނިވެސް 90 އަށްވުރެ ގިނަ މައްސަލަ ބަލައި، 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އައްޑޫ ސިޓީ ކެމްޕަސްގައި މިރޭ ބޭއްވި 37 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރައްޔިތުން ފުލުހުންނާ މެދު ޝަކުވާއެއް ކޮށްފި ނަމަ، އެ ޝަކުވާއެއް ބަލައިގަނެ، އަޑުއަހާނެ ހުލްގުހެޔޮ ބަޔަކަށް ވާންޖެހޭ ކަމަށާއި އެގޮތުން ފުލުހަކު ކުށެއް ކޮށްފި ނަމަ، އެ ފުލުހަކާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭކަން ފާހަގަކުރާ ކަމަށެވެ.
”މިއަހަރު އެކަނިވެސް 90 އަށްވުރެ ގިނަ މައްސަލަތައް ބަލައި، 57 ފުލުހަކަށް ވަނީ ފިޔަވަޅު އެޅިފައި. 20 ފުލުހުން ވަނީ ވަޒީފާއިން ވަކިކުރެވިފައި. އެހެންކަމުން ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބައި، ތިޔަ އޮފިސަރުން މިފަދަ ކަންކަން ކުރުން ހުއްޓާލައިފި ނަމަ، ތިޔަ އޮފިސަރުން ރިޓަޔާވާ އިރު، މި ހިދުމަތުގައި އޮންނާނީ ރިވެތި ސަގާފަތެއް އުފެދިފައި. އަދި ތިޔަ އޮފިސަރުން މި ހިދުމަތުގައި ކަނޑައްތުކުރާ އިރު، މިއަދު ތިޔަ އޮފިސަރުން ކަނޑައަޅާ ސްޓޭންޑަޑަކީ މާދަމާ މި ހިދުމަތުން ފެންނާނެ ސްޓޭންޑަޑްތަކެއް،“ އޭނާ ވިދާޅުވިއެވެ.
ސީޕީ ޝުޖާއު ވިދާޅުވީ އެއްވެސް ފުލުހަކީ އެ ހިދުމަތުން ހެދިފައި ހުރި އުސޫލުތަކާއި ގާނޫނާ ހިލާފުވާ، ފުލުހުންގެ މުއައްސަސާގެ އަގުވެއްޓޭ ގޮތަށް އަމަލުކުރާނެ އޮފިސަރުންތަކަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މިއަދު ދިވެހި ފުލުހުންނަކީ ކުށްވިޔަ ނުދިނުމަށް މަސައްކަތްކޮށް، ޕްރޮފެޝަނަލިޒަމް ދަމަހައްޓައި، ރިވެތި އަހުލާގީ މިންގަނޑެއްގައި ދެމިހުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
”ހަމައެހެންމެ އަޅުގަނޑުމެން ފުލުހުންނަކީ ގައުމީ ވާޖިބު އަދާކުރުމުގައި ވަތަނީ ރޫހު އިސްކޮށް، ޖާނާ މާލުން ގައުމަށް ފިދާވާން ތައްޔާރަށް ތިބި ހުއްބުލްވަތަނުގެ ސިފަތަކުން ޖަރީވެފައިވާ ބަޔަކަށް ވާން ޖެހޭނެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބޯލަނބައި، ކިޔަމަންތެރި ދަރިންތަކަކަށް ވާން ޖެހޭ،“ އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ މެޔަށް އަމާޒުވެގެން އަންނާނެ އުންޑައެއް، ތީރަކަށް ބެލުމެއްނެތި ގައުމުގެ ދާހިލީ މިނިވަންކަމާއި އަމަނާއި ސުލްހައާއި މަސަލަސްކަން ދެމެހެއްޓުމަށް ހިތްވަރާއެކު ކެރިގެން ކުރިމަތިލާ ބަޔަކަށް ފުލުހުން ވާން ޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ސަފުތައް ރުކުރުވާލައި ފައި ހަމަކޮށް، ގޭންގު ކުށްތައް ހުއްޓުވައި، މަސްތުވާތެކެއްޗާ ދެކޮޅަށް އެއްވެސް ބިރެއް ފަސްޖެހުމެއްނެތި ކެރިގެން ކުރިމަތިލާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.