ބޭރު ފައިސާއާބެހޭ ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ބޭރު ފައިސާއާ ބެހޭ ބިލު ހުށަހެޅީ ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ރާއްޖޭގެ ބޭންކަކުން މާރުކުރުން ނުވަތަ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރު ކުރަން ޖެހޭ ގޮތަށް, އިހުތިޔާރު ދީފަ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާ ހެވެ.
މި ބިލު ފާސްކުރީ 56 މެމްބަރުންގެ ވޯޓާއެކުއެވެ. މި ބިލާ ދެކޮޅަށް ވޯޓުދެއްވީ 11 މެމްބަރުންނެވެ.
ބިލު ފާސްކޮށްފައި ވަނީ މާލިއްޔަތު ކޮމިޓީން ގެނައި ބައެއް ބަދަލުތަކާއެކު އެވެ. އެ ބަދަލުތަކަކީ:
10 އަހަރުން ދަށުގެ ކުދިން އަތުން ޑޮލަރު މާރުކުރަން ނުޖެހޭ ގޮތަށް އޮތް އޮތުން 12 އަހަރުން ދަށަށް ބަދަލުކުރުން.
ރިސޯޓަކަށް މާލީ ދަތިކަމެއް ދިމާވެއްޖެ ހާލަތުގައި 20 ޕަސެންޓަށްވުރެ މަދުން މާރުކުރަން އިހުތިޔާރު ދިނުން. އެހެންނަމަވެސް ލުއި ދެވޭނީ އެކަން އެމްއެމްއޭއިން ރިވިއުކުރުމަށްފަހު ކަމަށް އިސްލާހުގައިވޭ.
މި ގާނޫނު ހިންގައި ތަންފީޒުކުރުމުގެ މައި އިދާރާއަކީ، މޯލްޑިވްސް މަނިޓަރީ އޮތީރިޓީންކަމަށާއި، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 2 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހެދުމަށް ބިލުގައި ހުށަހަޅައިފައިވެ އެވެ.
ބޭރު ފައިސާއާބެހޭ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފަ އެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2025 ގައެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި ގަވާއިދު ނަންބަރު 2024/ޜ-91 (ބޭރު ފައިސާއާބެހޭ ގަވާއިދު) އާއި، ގާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 24 ވަނަ މާއްދާގެ (ރ) އާއި (ބ)، އުވުނީ އެވެ.
މި ބިލުގައި ވާގޮތުގައި ޓޫރިސްޓުންނަށް ޚިދުމަތް ދޭ ތަންތަން ވަނީ ގިންތިތަކަށް ބަހާލާފައެވެ. އެއީ ”ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް“ އަދި ”ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް“ އެވެ.
ކެޓެގަރީ-އޭގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި އެނޫންވެސް ތަންތަނެވެ. މި ކެޓަގަރީން ހިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެ އެވެ.
ކެޓެގަރީ-ބީގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކެވެ. މި ކެޓަގަރީން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހެ އެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެ އެވެ.
ރިސޯޓްތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އެމްއެމްއޭގެ ގަވާއިދުގައި މަޖުބޫރު ކުރުމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުން ވަނީ އެ ގަވާއިދަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެފަ އެވެ. އެއީ އެ ގަވާއިދު އޭރު އޮތްގޮތުން ނުލިބޭ އާމްދަނީއެއް ބޭންކަށް މާރު ކުރަން ޖެހޭ ކަމަށް ވިދާޅުވެއެވެ.
މި މައްސަލައިގައި ވިޔަފާރިވެރިންނާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖެހޭނީ 500 ޑޮލަރު މާރު ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.