ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކޮނަޓް ހިސްފިޑް ބީޓްލް ނަމަކަށް ކިޔާ ރުކުމަޑި ކޮންޓްރޯލް ކުރުމަށް ޗައިނާގެ އެހީއާއެކު ލެބޯޓަރީއެއް ގާއިމުކުރުމަށް ދިރާސާ މަސައްކަތްތައް ފަށައިފިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ މި މަސައްކަތަކީ ރައީސް ޑރ. މުޢިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުން ކަމަށެވެ.
އެގޮތުން ޗައިނާގެ މައި ސަރުކާރުން މިހާރުވަނީ މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ޚާއްޞަ ލެބޯޓްރީއެއް ޤާއިމްކޮށްދީ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދިނުމަށް ޚާއްޞަ މަޝްރޫޢެއް ހިންގުމަށް ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) އާއި ޙަވާލުކޮށްފައި ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު ޗައިނާގެ ކަޓާސް އިންސްޓިޓިއުޓްގެ 4 ޕްރޮފެސަރުން މިމަހުގެ 11 ވަނަ ދުވަހު ދިވެހިރާއްޖެއަށް ވަޑައިގެންފައިވާ ކަމަށާއި އެޓީމުން ދިވެހިރާއްޖޭގައި ރުކުމަޑި ކޮންޓްރޯލް ކުރުމަށް ލެބޯޓަރީއެއް ޤާއިމުކުރުމަށްޓަކައި ހަދަންޖެހޭ އެންމެ ފަހުގެ ދިރާސާތައް ކުރާނެ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.
އަދިހަމައެހެންމެ ލެބޯޓްރީ ހަދަން ކަނޑައަޅާ ސަރަޙައްދު ބަލައި އެތަނުގައި ލެބޯޓްރީ ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް މަސައްކަތް ފެށޭނެ މަގު ތަނަވަސްކުރުމަށް ވާންޖެހޭ ތައްޔާރީތައް ވާނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.