އަތުގައި ފައިސާ ހުރިނަމަ ދުނިޔޭގެ އެންމެ އަގުބޮޑު ހޮޓަލުގައި ޢުމުރުވެސް ހޭދަކޮށްލެވިދާނެއެވެ. ނަމަވެސް އަތުގައި ކިތަންމެ ފައިސާ ގިނަ ނަމަވެސް ދުވާލަކަށް މިލިއަނުން ޚަރަދުކުރިނަމަވެސް ދުނިޔޭގައި ހުރެވޭނީ ޢުމުރު ހަމަވަންދެންނެވެ. ކިތަންމެ އަގުބޮޑު ތަނެއްގައި ކިތަންމެ އުފަލުގައި އުޅުނަސް ޢުމުރުހަމަވުމުން މަރުވާނެއެވެ.
އެހިސާބުން ދެން ސަލާމަތްކަން ލިބެން އޮތީ ދުނިޔޭގައި ހުރެގެން ސުވަރުގެ ހޯދަން މަސައްކަތްކުރިނަމައެވެ. ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ދަޢުވަތު ޤަބޫލުކޮށް އެކަމަށް އެދިގެން މަސައްކަތްކުރިނަމައެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
”—-ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠޯހިރުވާ މީހުންދެކެވެސް ﷲ ލޯބިވެވޮޑިގެންވެއެވެ.“ (އަލްބަޤަރާ: 222)
މިއީ ތައުބާވުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ދަޢުވަތެކެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަން ކުރަން އޮތް ޢަމަލެވެ. އެކަން ވިސްނޭނީ ވިސްނައި ފިކުރުކުރާ މީހުންނަށެވެ.
ﷲ ތަޢާލާ ދެއްވަވާފައިވާ ދަޢުވަތު ޤަބޫލުނުކޮށް ދުނިޔޭގައި ހިތަށްއެރިހައި ގޮތަކަށް އުޅުމަށްފަހު ޤިޔާމަތް ދުވަހު ނަރަކައަށް ދާންޖެހުމުން އެންމެންވެސް ދެވަނަ ފުރުޞަތަކަށް އެދި ރޮއި އާދޭސް ދަންނަވާނެއެވެ! ނަމަވެސް އެއީ އެއްވެސް މީހަކަށް ދެއްވަވާނެ ފުރުޞަތެއް ނޫނެވެ. އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ.
ވީމާ ދުނިޔޭގައި ހޭދަކުރަން ލިބޭ މަދު ދުވަސްކޮޅު އެކަންކަމަށް ވިސްނައި ސަމާލުކަން ދޭންޖެހޭނެއިރު ތިމާއަށް އެކަމަށް ސަމާލުކަންދެވޭ މިންވަރާއިމެދު މިއަދު ވިސްނަނީ ހާދަމަދު މީހެކެވެ. މިހެން މިބުނަނީ ކޮންމެ މުސްލިމަކުވެސް ސުވަރުގެ ވަންނަން ބޭނުންކަމަށް ބުނަމުން ގިނަބައަކު ޢަމަލުކުރަމުން ގެންދާ ގޮތުންނެވެ.
އެދުވަހުން ރޮއި ކަރުނަ އަޅަން ޖެހޭ މީހުންގެ ތެރޭގައި ނުވުމަށްޓަކައި ﷲ ތަޢާލާ ދެއްވަވާފައިވާ ދަޢުވަތު ދުނިޔޭގައި ހުރެ ޤަބޫލުކުރާށެވެ! ﷲ ތަޢާލާ ދެއްވަވާފައިވާ ފުރުޞަތުތަކުގެ ބޭނުން ދުނިޔޭގައި ހުރެ ހިފާށެވެ! މަރުވުމުން އެކަމަށް ދެއްވެވި ހުރިހާ ފުރުޞަތުތަކެއް ގެއްލި ނިމުނީކަމާއިމެދު ބިރުވެތިވާށެވެ!
ﷲ ތައާލާ މިދުނިޔޭގައި އެންމެހައި މީސްތަކުންވެސް ލައްވަވާފައިވަނީ ވަރަށް ދީލަތި ގޮތެއްގައެވެ. އެމީހަކު ބޭނުންވަރަކަށް ފުރުޞަތު ދެއްވަވައިފައެވެ. ފުރުޞަތަށް އެދުމުގެ ބާރާއި އިޚްތިޔާރާއި ވިސްނުންވެސް ދެއްވަވައިފައެވެ. ކޮންމެދުވަހަކުވެސް ކޮންމެ ރެއަކުވެސް ކޮންމެ ވަގުތަކުވެސް ފުރުޞަތުގެ ބޭނުން ހިފަންވީއެވެ. ދުވާލަކު 1000 ފަހަރުވެސް ހަމަ ހިފަންވީއެވެ. އެއްވެސް ހުރަހެއް ނެތެވެ.
މިދައްކަނީ ތައުބާވުމުގެ ވާހަކައެވެ. އެކަމަށް ފުރުޞަތު ހުޅުއްވަވައިލަ ދެއްވަވާފައިވާ ވާހަކައެވެ. ވީހައި ގިނައިން ތައުބާވުމަށް ﷲ ތަޢަލާ ލޯބިވެވޮޑިގެންވާ ވާހަކައެވެ. އެފުރުޞަތު ގެއްލިގެންދަނީ ދިރިހުއްޓައެވެ. މަރުހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން އެމީހެއްގެ ލޮލަށް ފެނުމުންނެވެ. އެވަގުތާއި ހަމައަށް އެފުރުޞަތު ވަނީ ހުޅުއްވަވައިލަދެއްވަވައިފައެވެ. ހަމައެކަނި ހުޅުއްވަވައިލަ ދެއްވެވީއެއްވެސް ނޫނެވެ. އެކަމަށް ވަނީ ދަޢުވަތުވެސް ދެއްވަވައިފައެވެ. ކީރިތި ޤުރްއާނުގައެވެ.
ސްލާމީ ތިލަފަތުގެ ދަރުސަކުން