އެސްޓީއޯ އިން ބާޒާރަށް ލުނބޯ ނެރެ، ކިލޯއެއް 40ރ. އަށް ވިއްކަން ފަށައިފި އެވެ.
ބާޒާރުގައި މިވަގުތު ލުނބޯ ހުރީ 65ރ. އާއި 80ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި މިދިޔަ ހަފްތާގައި ލުނބޯ ކިލޯއެއްގެ އަގު 100ރ. އަށް ވެސް އެރި އެވެ. އެހެންވެ އެސްޓީއޯއިން ލުނބޯ ވިއްކާ އަގަކީ، މިވަގުތު ބާޒާރުގައި މިވަގުތު ހުރި އަގަށް ވުރެ 15ރ. ކުޑަ އަގެކެވެ.
އެސްޓީއޯއިން ލުނބޯ ގެންނަނީ އިންޑިއާއިންނެވެ.
ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ހާއްސަ ރޭޓުތަކުގައި އަންނަނީ ވިއްކަމުންނެވެ. އެސްޓީއޯއިން ބުނީ، ފަސް ކިލޯގެ ލުނބޯ ފޮއްޓެއް ވިއްކަނީ 145ރ. އަށެވެ. އަދި ފަސް ކޭހަށް ވުރެ އިތުރަށް ނަގާ ނަމަ، ފޮއްޓެއް 135ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯ އިން ހޯލްސޭލްކޮށް ލުނބޯ ވިއްކަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ހުންނަ އެސްޓީއޯގެ ވެއާހައުސް އިންނެވެ. ރީޓެއިލް އަގުގައި ލުނބޯ ލިބޭނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނެވެ.
ލުނބޯ ބާޒާރަށް ނެރުނު އިރު އެސްޓީއޯއިން މިހާރު ވަނީ އެހެން ބައެއް ބާވަތްތައް ވެސް ބާޒާރަށް ނެރެ ވިއްކަން ފަށައިފަ އެވެ. އެސްޓީއޯއިން ކާށި ވިއްކަނީ 5ރ. އަށެވެ. އަދި ފިޔާ ކިލޯއެއް ވިއްކަނީ 16ރ. އަށެވެ. އެއީ މިވަގުތު ބާޒާރުގައި ހުރި އަގުތަކަށް ވުރެ ހެޔޮ އަގުތަކެކެވެ.
އެސްޓީއޯ އިން ވެސް ވަނީ ރޯދަމަހާ ދިމާކޮށް 24 ބާވަތެއް މިހާރު ވެސް ބާޒާރަށް ނެރުމަށް ނިންމައިފަ އެވެ.
އެއީ:
1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
2. ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
3. ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު
4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
އެސްޓީއޯ މެދުވެރިކޮށް ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އަސާސީ ކާބޯތަކެތީގެ 134 ބާވަތެއްގެ އަގުތައް އެ މިނިސްޓްރީން މޮނިޓާ ކުރަމުން އަންނާނެ ކަމަށެވެ. އަދި އެ ތަކެތީގެ އަގުތައް އުފުލި، ޝޯޓޭޖެއް އައިސްފި ނަމަ، އެސްޓީއޯ މެދުވެރިކޮށް އެތަކެތި ބާޒާރަށް ނެރޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.