ފަސޭހައިން ހާސިލުވާނެ ކަމެއް ނުވަތަ އެއްޗެއް ބޭނުން ނުވުމަކީ އިންސާނީ ތަބީއަތެކެވެ. މި ތަބީއަތާއި ގޮންޖަހާލާނެ މީހުން ވަރަށް މަދެވެ. ހަމަ އެބީދައިން ފަސޭހައިން ހާސިލުވާނެ ލޯތްބެއްވެސް ގިނަ މީހުން ބޭނުންނުވާކަމީ ކާބަފައިންގެ ޒަމާނުއްސުރެ ދުނިޔޭގައި ހިނގަމުންދާ ހެއްވާ އުސޫލެކެވެ. ކަން މިހެން އޮތުމާއެކު، ސިންގަލް ސްޓޭޓަސް ބަދަލުވާއިރަށް އެއްކަލަ މާ ފަހަތުން ދާ މާބުރާއި ކޮކާތައް ގިނަވެ އެވެ. އެކަމަކު ހުސްހަށިބަޔަށް އުޅޭއިރު ތިމާއަށް ލިބޭ ބިޓުން ނުވަތަ ރައްޓެހިވާން އަހާ މީހުން މަދުވާކަން ފާހަގަވޭތޯ އެވެ. މިކަމުގެ ފަހަތުގައި ބޮޑު ސައިންސެއްވާކަން ދެނެހުރީމުތޯ އެވެ؟
މިއީ ދިވެހިރާއްޖޭގައިވެސް ފެންނަ މަންޒަރެކެވެ. މިސާލަކަށް ބަލާނަމަ، އެކަކު އަތުގައި އައިފޯނެއް ހުރިއްޔާ ހަމަ އެފޯނު ތިމާވެސް ބޭނުންވެ އެވެ. ތިމަންނަ މީހަކާއި ސީރިއަސްވުމުގެ ކުރިން އެހެންމީހުންގެ ފަރާތުން ލޯބީގެ ހުށަހެޅުން ނާންނަ ކަމާއި ދޭތެރޭ ބައެއް ފިރިހެނުން ސުވާލު އުފައްދަ އެވެ. ބެސްޓްފްރެންޑްގެ ލޯބިވެރިޔާ ރުޅިވާނެ ދުވަހަކަށް އިންތިޒާރު ކުރާ ”ހަގީގީ އެކުވެރިން“ ވެސް އަހަރެމެންގެ ތެރޭގައި އުޅެ އެވެ. ގާތް ރަހުމަތްތެރިޔާގެ ފިރިމީހާއާއި ކައިވެނިކުރާ އަންހެނުން ނުވަތަ ފިރިހެނުންވެސް ދުނިޔެ މަތީގައި ތިބޭ ކަމާއި ދޭތެރޭ ޝައްކެއް ނެތެވެ.
މިކަމުގެ މާހިރުން ގަބޫލުކުރާ ގޮތުގައި ތިބާ މީހަކާއި ލޯބީގެ ގޮތުން ގުޅޭ ހިސާބުން އެހެން މީހުންނަށް ތިބާ ދެކެ މާ ބޮޑަށް ގަޔާވެވޭ ގޮތް ވެއެވެ. އިނގިރޭސި ބަހުން ބުނާނަމަ ”ފޯބިޑަން ލަވް“ އެއް ފެށުމުގެ ގޯސް އާދަ އަހަރެމެން ތެރޭގައި ވަކި މަދެއް ނޫނެވެ. އެހެން މީހެއްގެ ރަންގަނޑެއް ތިމާއަށްވެސް ހަމަ އެހާ ރަންކޮށް ލިބޭނެ ނަމައޭ ހިތަށް އަރަ އެވެ. ކަން މިހެން ވަނީ ކީއްވެގެންކަމާއި ދޭތެރޭ އަހަރެމެންނަށް ފެންނަ ގޮތް މި ލިޔުމުގައި ހިމަނާލާނަމެވެ.
މީހަކާއި ލޯބީގެ ގޮތުން ގުޅުމުން އަންނަ ބަދަލުތައް
މީހަކާއި ލޯބީގެ ގޮތުން ގުޅުމުން ދިރިއުޅުމަށް ބަދަލު ނާންނާނެ ބަޔަކު މަދެވެ. ލޯބިވެރިޔާ ތިބާއާއި ބެހޭގޮތުން ދެކޭ ގޮތަކުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ އެވެ. އަދި ދުނިޔެއާއި ދޭތެރޭ ފައްސި ވިސްނުމެއްވެސް ގެންގުޅޭ ގޮތްވެ އެވެ. ކޮންފިޑެންޓް މީހުން ދެކެ އެންމެންވެސް ގަޔާވާނެ އެވެ. މި ބަދަލުތައް ތިބާ ވަށައިގެންވާ މީހުންނަށް ފާހަގަވާނެ އެވެ. ތިބާ އެހެން ރައްޓެހިންނަށް ނުވަތަ އަލަށް ދިމާވާ މީހާއަށް ދޭ އިސްކަން ލިސްޓުގެ އެންމެ ފަހަތަށް ދާނެ އެވެ. އިންސާނާގެ ތަބީއަތް ހުންނަ ގޮތުން އަޅާލުން ނުދޭ ފަރާތުގެ އަޅާލުން ހޯދަން ބޭނުންވާނެ އެވެ. މި ސަބަބާއި ގުޅިގެން ބައެއް މީހުން އެހެން މީހުންގެ ލޯބިވެރިން ހާސިލުކުރަން ބޭނުން ވެއެވެ.
ހާސިލުވާން އުނދަގޫވުން
ފިރިހެނުން ލައްވާ އާދޭސް ކުރުވުމަކީ އުކުޅެއް ކަމަށް ގިނަ އަންހެނުން ދެކެ އެވެ. އެހާ އުނދަގުލުން ލޯބި ހާސިލުވާނީވެސް މަސައްކަތްތަކެއް ކޮށްގެން ކަމަށް ބައެއް އަންހެނުން ގަބޫލުކުރެ އެވެ. ބައެއް ފިރިހެންވެރިން ބުނާ ގޮތުގައި ގަސްދުގައި އެމީހުންގެ ހިތް ތަޅުވާ ނުހަދަންޏާ، އެ ލޯބި ހާސިލުވުމުގައި އެއްވެސް ޝަރަފެއް ނެތެވެ. އެހެން ގޮތަކަށް ބުނާ ނަމަ ތިމާ ދެކެ ލޯބިނުވާ މީހެއްގެ ލޯބި މަސައްކަތުން ހާސިލުވުމަކީ މިފަދަ މީހުންނަށް ލިބޭ އުފަލެކެވެ. ކަންމިހެން އޮތް ހިނދު، އެހެން މީހެއްގެ ލޯބިވެރިއެއްގެ ލޯބި ހާސިލުވާނީ އެހާވެސް އުނދަގުލުންނެވެ. ވީމާ، މީހެއްގެ ލޯބިވެރިއަކަށްވުމުން އެއްކަލަހެން މީހަކު ’ސެޓް‘ ކުރާކަށް މަސައްކަތެއްވެސް ކުރާކަށް ނުޖެހޭނެތާއެވެ.
މަގްސަދެއް ނެތި ވާހަކަދެއްކުން
ތިބާ ގަޔާވާ މީހަކާއި ވާހަކަދައްކާއިރު އިހުސާސްތައް ބޭރުނުވެއެއް ނުހުންނާނެއެވެ. މާ ފޮނިކޮށް އޭނާއާއި ވާހަކަ ދެއްކޭގޮތް ވެދާނެ އެވެ. ބޭނުން ނުވާ ނުވަތަ ޝައުގު ނުހުންނަ މީހަކު މާ ލޯބިން ވާހަކަދައްކާނަމަ، އެމީހެއް ދެކެ އެއްކަލަ ”ކްރަޝް“ ފޫހިވާގޮތް ވެދާނެއެވެ. މިއާއި ހިލާފަށް ތިއީ މީހެއްގެ ލޯބިވެރިޔަކަށްވާނަމަ ތިބާ އެހެން މީހުންނާއި ވާހަކަދައްކާނީ ގަޔާވެގެންނެއް ނޫނެވެ. އޭނާ ތިމާއާއި ދޭތެރޭ ދެކޭ ގޮތާއިމެދު ވިސްނާ، މާ ބޮޑަށް ހާސްވާ ޒާތަށް ވާހަކަނުދެއްކޭނެއެވެ. އެއާއި ހިލާފަށް ގިނަ ފަހަރާއި ގަޔާވާ މީހާއާއި ވާހަކަދައްކާއިރު މާ ބޮޑަށް އެމީހަކު ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއްޔާ އެމީހާގެ ޝައުގު ވަރަށް އަވަހަށް ގެއްލޭނެއެވެ.
އެހެން މީހުންގެ އަމަލުތަކާއިމެދު ފަރުވާ ނުބެހެއްޓުން
”މިއަދު އޭނާ ގުޑް މޯނިންއެއް ނުފޮނުވީ ކީއްވެ؟ މާ ބޮޑަށް ބިޒީވީބާއެވެ؟ ރިޕްލައި ފޮނުވަންވީ ކިހާއިރަކުބާއެވެ؟“ ސިންގަލްކޮށް އުޅޭއިރު ގަޔާވާ މީހާއާއި ދިމާލަށް ދުރުމި އަޅާފައި ބަލާ ކަހަލަ ގޮތަކަށް ގިނަ މީހުންނަށް އުޅެވެއެވެ. ގަޔާވާ މީހާ މެސެޖެއް ނުކޮށްފިއްޔާ ނުވަތަ ގުޑާވެސް ނުލައިފިއްޔާ، މޭތެޅޭގޮތް ވެއެވެ. އޭނާގެ ދިރިއުޅުމުގައި ކުރާ ކަންކަމާއި މެދު ޝައްކު އުފައްދައެވެ. ނަމަވެސް، ތިބާގެ ލޯބިވެރިޔެއް ހުރުމުން އެހެން މީހުންގެ މެސެޖެއް ލަސްވެގެން ފިކުރާވާންޖެހޭކަށް ނުޖެހެއެވެ. މިހާ ”ކޫލް“ ވީމަ، އެހެން މީހުން ތިބާއަކީ ވަރަށް ގޮތެއް ހުރި މީހެއް ކަމަށް ބަލާނެއެވެ.
މި ހުރިހާ ސަބަބުތަކާއިހެދި ތިބާ ފަދަ ގޮންޖެހުމެއް ހާސިލުކުރަން ބައެއް މީހުން ބޭނުންވާނެކަމާއި ދޭތެރޭ ޝައްކެއް ނެތެވެ.