ސަޢުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރަން ބޭނުން: ރައީސް
ދެންމެ | 08 އޭޕްރިލް 2025

ރާއްޖޭގެ ތަރައްޤީގައި ސަޢުދީ ޢަރަބިއްޔާއަކީ މުހިންމު ބައިވެރިއެއްކަަށާއި، ސަޢުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުالله އަލްއަޖަލީން އަލް-ދޯސަރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ސަޢުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މިދިޔަ މެއި މަހު ޢުމްރާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢުދީ ސަރުކާރުގެ ފަރާތުން ދެއްވި މެހެމާންދާރީގެ ހަނދާންތައް އައުކުރެއްވިއެވެ.މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއާއި ސަޢުދީ ޢަރަބިއްޔާގެ ސަފީރު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި މުހިންމު އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރިއަށް އޮތްތާނގައި ސަފީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ. މިއަހަރު މި ގުޅުމަށް 44 އަހަރު ވަނީ ފުރިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!