ގޭސް ގަތުމުގެ ހުރިހާ ޒިންމާތަކާއި ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގައި، އެ ކަން ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށައިފި އެވެ.
ރާއްޖެ އަށް ގޭސް އެތެރެކުރާ ސަރުކާރުގެ މައި ކުންފުނި، މޯލްޑިވް ގޭހަށް ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކުރަން ޖެހުނީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް، ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ”ގެއްލުނު“ މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލަ އެންމެންގެ ސަމާލުކަމަށް އައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި މި ސަރުކާރު ހިންގާ ޕީއެންސީގެ އިސް މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ. އޭނާ ވިދާޅުވީ، ”ގެއްލުނު“ ފައިސާ އަދި ރިކަވާ ކުރެވިފައި ނުވި ނަމަވެސް އެ މައްސަލާގައި އެސްޓީއޯ އިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެކަމަކު، މޯލްޑިވް ގޭހުގެ އިސްވެރިންގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މޯލްޑިވް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ.
ގޭހަށް އޯޑަރުކޮށް، ދައްކަން ޖެހޭ ފައިސާއާ ގުޅޭ މުއާމަލާތުތައް ދެން ހިންގާނީ އެސްޓީއޯގެ ބެލުމުގެ ދަށުންނެވެ. އެ ކަން އެގޮތަށް ކުރީ ގޭސް ގަތުމުގައި މޯލްޑިވް ގޭހުން އެހާ ބޮޑު އިހުމާލެއް ވެފައިވާތީ ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މި މައްސަލަ ދިމާވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެކަން ހައްލު ކުރުމަށް އެސްޓީއޯއިން މޯލްޑިވް ގޭހަށް ފުރުސަތު ދިން ނަމަވެސް، އަދި މިހާތަނަށް ދެއްކި ޕޭމެންޓު ރިކަވާއެއް ނުކުރެވެ އެވެ.
ނާޒިމް ވިދާޅުވީ، އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށެވެ. ދުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދެއްކީ ގޭހުގެ ޝިޕްމެންޓުގެ 30 ޕަސެންޓެވެ.
ނާޒިމް ވިދާޅުވިގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ފައިސާ މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.