ރައީސް ޑރ. މުއިއްޒެވެ. ތިއީ ހިތްވަރު ގަދަ އިސްލާމީ ލީޑަރެއް!
ދެންމެ | 15 އޭޕްރިލް 2025

ނިރުބަވެރި އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ މިއަދެވެ. އެ ބިލު ތަސްދީގު ކުރައްވައި، މީގެ ކުރިން އެއްވެސް ރައީސަކަށް ކެރިވަޑައިނުގެންނެވި ނިންމެވުމެއް ރައީސް މިވަނީ ނިންމަވައިފައެވެ.

މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ. މީގެ އިތުރުން، އެހެން ގައުމެއްގެ ޑުއަލް ސިޓިޒަނެއް ނަމަވެސް އެއީ އިސްރާއީލުގެ މީހެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެންޏާ އެ މީހަކު ރާއްޖެ ނުވައްދާނެއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކެކެވެ. މި ހަމަލާތަކުގައި ޔަހޫދީ އަނިޔާވެރިން މިހާތަނަށް ފަލަސްތީނުން އެތައް ހާސް ބަޔަކު ޝަހީދުކޮށްލަން ފެށި ގަތުލްއާންމު އަދިވެސް ދަނީ ކުރިއަށެވެ.

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 50،944 މީހުން ޝަހީދުވެ، 116،156 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާގޮތުގައި މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 61،700 އަށް ވުރެ މައްޗަށް އަރައެވެ. އަދި ކުނިތަކުގެ ދަށުގައި ގެއްލުނު އެތައް ހާސް ބަޔަކު ޝަހީދުވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!