އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަކީ ފަލަސްޠީނުގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ދިވެހިރާއްޖޭގެ މަޤާމު ސާފުކޮށް ދައްކުވައިދޭ ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރާ ބިލު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނަށް ގެނެވުނު ތިންވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ތަޞްދީޤުކުރެއްވީ މިއަދުއެވެ. މި އިޞްލާޙުގެ ދަށުން އިޒްރޭލް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރެވިފައިވާކަން ރައީސް މުޢިއްޒު އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވެއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި އިޞްލާޙަކީ ފަލަސްޠީނުގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ދިވެހިރާއްޖޭގެ މަޤާމު ސާފުކޮށް ދައްކުވައިދޭ ކަމެއް ކަމުގައެވެ. އަދި މި ފިޔަވަޅަކީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ދަމަހައްޓާ އެއްބައިވަންތަކަން އަލުން ހަނދާންކޮށްދޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އިޞްލާޙު ތަޞްދީޤުކުރެއްވުމާއެކު، އިޒްރޭލް ޕާސްޕޯޓު އޮންނަ އެއްވެސް ފަރާތަކަށް ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދެވޭނެއެވެ. މިއީ ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން އެޅުނު ފިޔަވަޅެކެވެ.
ދިވެހި ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދައި، ފަލަސްޠީނުގެ މައްސަލައަށް އިތުރު ސަޕޯޓު ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ސިޔާސީ މާހިރުން ދެކެއެވެ. އަދި މިކަމަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި ދިވެހިރާއްޖޭގެ ޤަދަރު އުފުލިގެންދާނެ ކަމެއްކަމަށްވެސް ބެލެވެއެވެ.