އިސްރާއީލާއި ދެކޮޅަށް ތެދުވުމަށް ރައީސް ޑރ. މުއިއްޒާއި ރާއްޖެ ނަމޫނާއަކަށް ބަލަން ފަލަސްތީނުން ގޮވާލައިފި
ދެންމެ | 16 އޭޕްރިލް 2025

ޒަޔަނިސްޓުންނާ ދެކޮޅަށް ތެދުވުމުގައި ރާއްޖެ ނަމޫނާއަކަށް ބެލުމަށް ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަރަކަތުލް މުގާވަމަތުލް އިސްލާމިއްޔާ – ހަމާސްއިން ދުނިޔޭގެ ގައުމުތަކަށް ގޮވާލައިފިއެވެ.

ދިވެހިރާއްޖެއިން އިސްރާއީލު ޕާސްޕޯޓު މަނާކުރި ކުރުމަށް މަރުހަބާކިޔައި ހަމާސްއިން ނެރުނު ނޫސްބަޔާނުގައި ވަނީ ރާއްޖޭގެ ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއްކަމަށެވެ. އަދި މި ނިންމުމަކީ ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ރަނގަޅު މިސްރާބަކަށް އެޅިގެންދިޔަ ފިޔަވަޅެއްކަމަށް ހަމާސްއިންވަނީ ސިފަކޮށްފައެވެ. ހަމާސްއިންވަނި ދުނިޔޭގެ އެހެން ގައުމުތަކުންވެސް ރާއްޖެ ކިބައިން ހިތްވަރު ލިބި ޒަޔަނިސްޓުންގެ ލާއިންސާނީ އުދުވާނުތަކާ ދެކޮޅަށް ފާޅުގައި ބަސްބުނެ އަމަލުން އެކަން ދައްކާދިނުމަށް ގޮވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީޤުކުރެއްވީ އަންގާރަދުވަހުއެވެ.

މި ބިލަކީ 2025 އޭޕްރިލް 15 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެވުނު ބިލެކެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅު އެޅުމެވެ. މި ބިލުގެ ދަށުން، އިސްރާއީލުގެ ޕާސްޕޯޓު ބޭނުންކޮށްގެން އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާވެގެންދާނެއެވެ.

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!