ދޮގުފަތުރާ “ހަސަން ކުރުސީ“ ހިންގަނީ ކުރީގެ ސިޔާސީ މީހެއް ޔޫރަޕްގައި ފިލާއޮވެ، އެއީ ކާކުކަން އިނގޭ: ރަޝިޔާ
ދެންމެ | 16 އޭޕްރިލް 2025
”ހަސަން ކުރުސީ“ އެކައުންޓު ހިންގާ މީހާ އެނގޭ ކަމަށް ރަޝިޔާއިން ބުނެފި އެވެ.

ކުރުސީ އަކީ ކާކުން އެނގޭކަމަށް ބުނީ ރާއްޖެ އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ އެމްބެސެޑަރުއެވެ. އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރުސީ އެކައުންޓު ހިންގާ މީހަކީ ކާކުކަން ރަޝިޔާ އަދި ރަޝިޔާގެ ވެރިންނަށް ވަރަށް ސާފުކޮށް އެނގޭކަމަށެވެ. އަދި ކުރުސީ އެކައުންޓް ފަހަތުގައި ހުރީ ސިޔާސީ މީހެއްކަމަށްވެސް އެމްބެސެޑަރުގެ ޕޯސްޓްގައިވެއެވެ.

“ ކުރުސީ ހިންގަނީ މިވަގުތު ޔޫރަޕުގެ ގައުމެއްގައި މިވަގުތު ފިލާ ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ މީހެއްކަން ރަޝިޔާގެ ލީޑަޝިޕަށް އެނގޭ،“ އެ ޕޯސްޓުގައި ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވަން ޖަރުކަ ވިދާޅުވެފައިވެ.

ގިނަ ބަޔަކު ކުރިން ތުހުމަތުކުރީ މި އެ އެކައުންޓް ބޭނުން ކުރަމުންދަނީ ރައްޔިތުންގެ މަޖުލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށެވެ. ނަމަވެސް އެތުހަމަތު ނަޝީދު ވަނީ ދޮގު ކުރައްވާފައެވެ. އެކަމާއި ގުޅިގެން އެ މަނިކުފާނުވަނީ މިދިޔަ އަހަރު އެޕްރީލް މަހުގައި އެ އެކައުންޓްގެ ވެރިފަރާތަކީ ކޮބައިތޯ ބެއްލެވުމަށް ފުލުހަށްވެސް މައްސަލަ ހުށައަޅުއްވާފަ އެވެ.

ކުރުސީ ނަމުގައި ހިންގާ އެކައުންޓަކީ ސަރުކާރާއި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އަންނަ އެކައުންޓެކެވެ. ސަރުކާރުގެ ކޮރަޕްޝަންތައް ކަމަށް ބުނެ ބައެއް ލިޔެކިޔުންތައްވެސް އާއްމުކުރަމުން އަންނަ މި އެކައުންޓުން އަންނަނީ ބައެއް މީހުންގެ ޒާތީ ދިރިއުޅުމާއި ބެހޭ މައުލޫމާތުތައްވެސް އާއްމުކުރަމުންނެވެ. 50،0000 ވުރެ ގިނަ މީހުން މި އެކައުންޓް ފޮލޯ ކުރެއެވެ.

މި އެކައުންޓް ވަނީ މީގެ ކުރިން ތިން ފަހަރަކު ސަސްޕެންޑްވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!