އަތޮޅު ކައުންސިލް އުވާލައި، ކުދި ރަށްރަށުގައި ތިން ކައުންސިލަރުންނަށް މަދު ކުރަން ސަރުކާރުން ނިންމައިފި
ދެންމެ | 18 އޭޕްރިލް 2025

ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަ އިސްލާހުތަކުގެ ތެރޭގައި އަތޮޅު ކައުންސިލްތައް އުވާލުން ހިމެނޭކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުދަ ދުވަހު މުލީއާގޭގައި މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެންނަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ނިންމާފައިވާ ގޮތަކީ 500 އަށްވުރެ ދަށުގެ އާބާދީ އޮންނަ ރަށްތަކަށް ތިން ކައުންސިލަރުން އިންތިޚާބުކުރާ ގޮތަށް ހަމަޖެއްސުމެވެ. އަދި 500 އަށްވުރެ ބޮޑު އާބާދީ އޮންނަ ރަށްތަކަށް ފަސް ކައުންސިލަރުން އިންތިޚާބުކުރާ ގޮތަށް ހަމަޖައްސަން އިސްލާހު ހުށަހަޅަން ނިންމެވިކަން ރައީސް މެންބަރުންނާ ހިއްސާކުރެއްވިއެވެ.

ފާއިތުވި މާޒީގެ ތަޖުރިބާއަށް ބަލާއިރު އަތޮޅު ކައުންސިލްތަކަކީ އޮންނަންޖެހޭ ތަނެއް ނޫން ކަމަށް ލާމަރުކަޒީ ދާއިރާގެ ތަޖުރިބާކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ރަށުގެ ކަންކަމާ ގުޅޭގޮތުން ގޮތްތައް ނިންމުމުގެ ބާރު ގާނޫނުން ދީފައި ވަނީ އެ ރަށެއްގެ ކައުންސިލަށް ކަމަށެވެ. ރަށްރަށުގެ ކަންކަމާ ގުޅޭގޮތުން ނިންމުންތައް ނިންމުމުގައި އަތޮޅު ކައުންސިލްގެ ދައުރެއް މިހާރުވެސް ނޯވެއެވެ.

އެހެންކަމުން އަތޮޅު ކައުންސިލްގެ ބަދަލުގައި ކޮންމެ އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކު ހުންނަގޮތަށް ހެދުމުން ލާމަރުކަޒީ ނިޒާމް މާ ރަނގަޅަށް ހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އަތޮޅު ކައުންސިލްގެ ބަދަލުގައި މިސާލަކަށް ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަތޮޅަކަށް ގަވަރުނަރެއް އައްޔަންކުރައްވަންވީއޭ. ދެން އެ ގަވަރުނަރަކީ ރަށު ކައުންސިލްތަކަށް ކަންކަން ފެސިލިޓޭޓްކޮށްދޭން ހުންނަވާ ބޭފުޅަކަށޭ ވާންވީ. ރަށު ކައުންސިލްގެ ކަންކަމާ ބެހި ނުފޫޒު ފޯރުވާނެ ބޭފުޅަކަށް ގަވަރުނަރު ނުވާނެޔޭ.

އޭނާ ވިދާޅުވިގޮތުގައި ކޮންމެ އަތޮޅަކަށް އެފަދަ ބޭފުޅެއް އައްޔަންކުރުމުން ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމުގައި އެ ބޭފުޅާގެ ސަބަބުން ކައުންސިލްތަކަށް އެތައް ގޮތަކުން ފަސޭހަތަކެއް ލިބޭނެއެވެ.

އާބާދީއަށް ބަލައި ކައުންސިލަރުންގެ އަދަދު މަދުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް ގާނޫނަށް އިސްލާހު ގެނައެވެ. އެ ގާނޫނުގެ ދަށުން ކަައުންސިލަރުން އިންތިޚާބުވެސް ކުރިއެވެ. ނަމަވެސް ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ އިސްލާހު ބާތިލްކޮށްފައެވެ. މިހާރު އޮންނަގޮތުން އާބާދީ ވަކިވަރަކަށް ވުރެ މަތި ރަށްތަކުގައި ހަތް ކައުންސިލަރުން ތިބެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!