ކުޑަ ގައުމެކެވެ. އާބާދީ މަދެވެ. އެހެންނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ގަޓް ނިންމެވުންތަކުގެ ސަބަބުން ދުނިޔޭގައި ރާއްޖޭގެ ނަން ފަވާލައިފިއެވެ.
ދިވެހި ރާއްޖެއާ އަޅާބަލާއިރު އިޒްރޭލަކީ ހުރިހާ ގޮތަކުންވެސް ނުފޫޒު ގަދަ، ވަރުގަދަ ގައުމެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދި އެގައުމަކަށް ނިސްބަތްވާ ގައުމެކެވެ. އެހެންނަމަވެސް އެހުރިހާ ނުފޫޒެއް އެއްކިބާކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން، ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ނިންމާފައި އެވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށެވެ.
ރައްޔިތުންގެ މަޖިލީީހުން ބިލު ފާސްކުރިތާ މާގިނައިރުތަކެއް ނުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެބިލް ތަސްދީގު ކުރައްވައި ގާނޫނަކަށް ބަދަލު ކުރައްވާފައެވެ. މިއަދުން ފެށީގެން އިސްރާއީލް ޕާސްޕޯޓްގައި ދެން ދިވެހި ރާއްޖެއަކަށް ނާދެވޭނެއެވެ. ޓޫރިސްޓެއްގެ ގޮތުގައިވިއަސް، ވިޔަފާރީގެ ބޭނުމެއްގައި ކަމުގައިވިއަސް ނުވަތަ އެނޫންވެސް މަގުސަދެއްގައި ނަމަވެސް ރާއްޖެއަށް އިޒްރޭލް ޕާސްޕޯޓުގައި އެކަކަށްވެސް ދެން އެެތެރެއެއް ނުވެވޭނެއެވެ.
މިއީ ބޮޑެތި ގައުމުތަކުން ހައިރާންކުރުވި ނިންމެވުމެކެވެ. އަދި ސޯޝަލް މީޑިއާގައި އިޒްރޭލަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ ރާއްޖެއަކީ ތަފާތުކުރުން ގެންގުޅޭ ގައުމަކަށް ވާތީ އެގައުމަށް ދަތުރުނުކޮށް ދުނިޔޭގެ އެހެން ހިސާބުތަކަށް ދަތުރުކުރުމަށެވެ. މިކަމުން ދިވެހިރާއްޖެއާއި ދިވެހިންނާއި ދިވެހިންގެ ރައީސް ޑރ. މުއިއްޒު ކަންބޮޑުވެ ވަޑައެއް ނުގެންނަވައެވެ.
ފިއްތުއްތަން ކުރިމަތިވާނެކަން އެމަނިކުފާނަށް ހަމަރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ބިރުވެރި އެތައް ކަމެއް މެދުވެރި ކުރުވަފާނެކަން އެމަނިކުފާނު ދެނެވަޑައިގެން ހުންނެވިއެވެ. އެހުރިހާ ކަމަކަށްވުރެ ބޮޑަށް އެމަނިކުފާނަށް މުހިއްމުވީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ހަގީގީ މިނިވަންކަން ހޯދައިދިނުމުގައި އެޅެން އޮތް ހުރިހާ ފިޔަވަޅެއް މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން އެޅުމަށެވެ.
އިދިކޮޅުން ގޮވަމުން ގެންދިޔައީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ނުކެރޭނެ ކަމަށެވެ. އެކަމަށް ހަޖޫޖެހި ފަރާތްތައް މިއަދު ކިޔަނީ އެހެން ފަރިއްސެކެވެ. އެހެން ޅެމެކެވެ. އެއީ ޑުއަލް ޕާސްޕޯޓް އޮންނަ އިޒްރޭލްގެ މީހުންނަށް ރާއްޖެއައުމަށް ހުރަހެއް ނެތް ވާހަކައެވެ.
ރާއްޖެއިން އެއޮތީ އިޒްރޭލުގެ ޕާސްޕޯޓް އިސްތިސްނާއެއް ނެތް ގޮތަށް މަނާކޮށްފައެވެ. އެއީ ރައީސް ޑރ. މުއިއްޒު ދިވެހި ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތްވެސްމެއެވެ.
މި ނިންމެވުމާއެކު ރައީސް މުއިއްޒަކީ މުސްލިމުންގެ މެދުގައި ވަރުގަދަ ބަތޮލަކަށް ވެއްޖެއެވެ. ދިވެހި ތާރީޚުން ނަލަ ޖާގައެއް ހޯއްދެވި ވަރުގަދަ ފަހުލަވާނަކަށް ވެނިމިއްޖެއެވެ.