އުސް އިމާރާތަކުން ވެއްޓުނު 21 އަހަރުގެ ދިވެހި އަންހެނެއް މިވަގުތު ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު ހެނދުނު ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އެ އަންހެން މީހާ ވެއްޓުމުންނެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ އިއްޔެ ހެނދުނު 7:23 ހާއިރު ކަމަށެވެ. ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާއަކީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައީ ސިފައިންގެ އެހީތެރިކަމާއެކުއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، މި ހާދިސާ ހިނގި ގޮތާއި، އެ އަންހެން މީހާ ވެއްޓުނު ސަބަބާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.