ސާނަވީ ނިންމާ އިމްތިޙާނު ހަދާ ދަރިވަރުންނަށް ރައީސްގެ ހިތްވަރު ދެއްވައިފި
ދެންމެ | 20 އޭޕްރިލް 2025

ސާނަވީ ނިންމާ އިމްތިޙާނު ހަދާ ދަރިވަރުންނަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރު ދެއްވައިފިއެވެ.

އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓުގައި ކުރެްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް، ހުރިހާ ދަރިވަރުން ކުރި ބުރަ މަސައްކަތުގައި ވެސް މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު އެދެނީ އެސްއެސްސީ އަދި އޯލެވެލްގައި ރާއްޖެއިން ބައިވެރިވި ހުރިހާ ދަރިވަރުންނަށް ވެސް، ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އިމްތިޙާނުގެ މުއްދަތު ވުން ކަމަށާއި، ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވުން ކަމަށެވެ.

މިއާއެކު ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ދަރިވަރުން ޙާޞިލްވުމަށް ވެސް ރައީސް ވަނީ އެދިފައެވެ. އަދި އިރާދަކުރެއްވިއްޔާ ކޮންމެ ކުއްޖަކުވެސް މި އިމްތިޙާނުގައި ކާމިޔާބީ ހޯދާ، މި ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތެރި ދަރިއަކަށް ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި އަހަރު ރާއްޖޭގެ 260 ސެންޓަރެއްގައި، ޖުމްލަ 8362 ދަރިވަރުންނާއެކު ސާނަވީ ނިންމާ އިމްތިޙާންތައް މިއަދު ފަށައިފިއެވެ. އެގޮތުން މި އަހަރުގެ ކެމްބްރިޖް އިމްތިޙާނުގައި 7666 ދަރިވަރުން ބައިވެރިވެއެވެ. އަދި އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމް އިމްތިޙާނުގައި 7519 ދަރިވަރުން ބައިވެރިވެއެވެ.

އޯލެވެލް އިމްތިހާނުގައި މިދިޔަ އަހަރު 7،501 ދަރިވަރުން ބައިވެރިވެރިވެފައިވެއެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިދިޔަ އަހަރު ހެދީ 256 ސެންޓަރެއްގައެވެ.

އޯލެވެލް އިމްތިޙާން ޖޫން 11އާ ހަމައަށް ކުރިއަށް ދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!