ޔުމުން ބޮއޮގެން ފުންމާލުން: ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރުން ޕްރޮމޯޓް ކުރި މީހުން: ރައީސް
ދެންމެ | 24 އޭޕްރިލް 2025

ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓި ހިނގި ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާ އެފަދަ ހިތާމަވެރި ހާދިސާތަކުގެ ޒިންމާ ނަގަން ޖެހޭނީ މި ރާއްޖޭގައި ބިރަކާ ނުލާ މަޖާކުރެވެން ޖެހޭ ކަމަށް ބުނެ އެކަން ޕްރޮމޯޓްކުރި މީހުން ކަމަށް ވިދާޅުވެ އިދިކޮޅުގެ ވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ އޮތް ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކަށް ބެލުމަކީ މާ މުހިންމު ކަމެއް ނޫން ކަމަށް ދައްކާ މި ރާއްޖޭގައި ބިރެއް ނެތި މަޖާކުރެވެން ޖެހޭނެ ކަމަށް ބުނެ އެކަން ބަޔަކު ޕްރޮމޯޓް ކުރި ކަމަށެވެ.

އަދި އެފަދަ ބަޔަކު މިއަދު މަގުތަކަށް ނިކުމެ ޒުވާނުންނަށް އޮޅުވާލާ ޒުވާނުންގެ ހައްގުގައި ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހިނގި ހާދިސާއާމެދު ހިތާމަ ކުރައްވާކަން ހާމަ ކުރައްވާ ރައީސް ވިދާޅުވީ އެފަދަ ހާދިސާތަކުގެ ޒިންމާ ނަގަން ޖެހޭނީ ބިރެއް ނެތި މަޖާކުރުން ޕްރޮމޯޓް ކުރި މީހުން ކަމަށެވެ.

އެމަނިކުފާނު ވަނީ ބަޔަކު ދައްކާހާ ވާހަކައެއް ޤަބޫލުކުރުމަށް ފަހު ދޮގު ވާހަކަތަކުގެ ”އަޅުން“ނަށް ވެގެން ނުވާނެ ކަން ހަނދާން ކޮށްދެއްވާފަ އެވެ. އަދި ބުއްދީގެ ނަޒަރުން ކަންކަން ވިސްނުމަކީ ވާޖިބެއް ކަން ބަޔާން ކުރައްވާ ރައީސް ވަނީ ތެދު ދޮގު ބެލުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ހުކުރު ދުވަހުގެ ހާދިސާގެ ވީޑިއޯތައް ފުލުހުން މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ހާދިސާގައި ހިމެނޭ ދެ މީހުން ތިބީ މަސްތުގެ ހާލުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!