މައްސަލައެއް އިތުރަށް ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިރޭ ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފައެވެ. ޝުޖާއު އިސްތިއުފާ ދެއްވާފައި މިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވަން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން ސުޖާއުއަށް މަރުހަބާ ވިދާޅުވެ ނަޝީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަންކަމާ ޒިންމާ ނަގައި ނުވަތަ އިތުރަށް މައްސަލަ ހޫނު ވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށާއި އަބަދުވެސް އިސްކަން ދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުން މިހާރު ހަވާލުކޮށްފައިވަނީ އިސްމާއިލް ނަވީންއާއެވެ.