މަސްތުވެ، ޔުމްނު އޮރިޔާމުން ސިޑިގޮޅީގައި އުޅުނަސް އޭނާ އަބުރު ރައްކާތެރި ކުރަން ޕީޖީން އަންގައިފި
ދެންމެ | 27 އޭޕްރިލް 2025

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގެއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް މައުލޫމާތެއް އާންމު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނުގެ ޒާތީ މައުލޫމާތާއި އޭނާގެ ފޮޓޯ ފެންނަ ފޮޓޯ އާއި ވީޑީއޯ އާންމުކޮށްފައި ވާތީ އެކަން އެގޮތަށް ނުކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

”އަނިޔާ ލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް މައުލޫމާތެއް އިތުރަށް އާންމު ނުކުރުމަށާއި މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރުމަށް ދަންނަވާފައިވާނެ،“ ޕީޖީ އޮފީހުން ބުންޏެވެ.

ޖިނާއީ މައްސަލަތަކާ ބެހޭ މައުލޫމާތު ފެތުރުމުގައި އަނިޔާ ލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނޫސްވެރިންނަށާއި އާންމު ރައްޔިތުންނަށް ވެސް ޕީޖީ އޮފީހުން އިލްތިމާސްކުރި އެވެ.

ޕީޖީ އޮފީހުން ވަނީ ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް ފުލުހަކު އިހުމާލުވެފައި ވޭތޯ ބަލައި އެކަމަށް ފިޔަވަޅު އެޅުމަށް ވެސް ފުލުހުންނަށް އަންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!