ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، 14 ގަޑިއިރަށްވުރެ ދިގު ޕްރެސް ކޮންފަރެންސެއް ބާއްވައި ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު މުގުރާލައްވައިފިއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް މޭ 3 ވަނަ ދުވަހު ބޭއްވެވި މި ޕްރެސް ކޮންފަރެންސް ހެނދުނު 10:00 ގައި ފެށައި، މެދުނުކެނޑި 14 ގަޑިއިރަށްވުރެ ގިނަ ވަގުތު ކުރިއަށް ގެންދެވިއެވެ. މިއާއެކު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ 2019 ވަނަ އަހަރު ބޭއްވެވި 14 ގަޑިއިރުގެ ޕްރެސް ކޮންފަރެންސްގެ ރެކޯޑު ރައީސް މުއިއްޒު ވަނީ މުގުރާލައްވާފައެވެ.
ރައީސް މުއިއްޒު ބޭއްވެވި މި ޕްރެސް ކޮންފަރެންސްގައި ނަމާދު ވަގުތުތަކަށް އެކަނި ބްރޭކް ނަންގަވާފައިވާއިރު، ރޭގަނޑު 8:20 އިން 8:35 އަށް ކުރު ބްރޭކެއްވެސް ނެންގެވިއެވެ. މި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ގެންދެވީ މައުލޫމާތު ހުންނެވި މިންވަރަކުން ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ރޭގަނޑު 12:00 ގައި ޒެލެންސްކީގެ ރެކޯޑާ އެއްވަރުވުމަށްފަހުވެސް ރައީސް މުއިއްޒު ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދެވުމުން ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު ވަނީ މުގުރާލައްވާފައެވެ.
މީގެ ކުރިން ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު ހިފަހައްޓަވާފައިވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ޒެލެންސްކީ ބޭއްވެވި ޕްރެސް ކޮންފަރެންސް ދެމިގެންދިޔައީ 14 ގަޑިއިރަށެވެ. އަދި ދުނިޔޭގެ ދެ ވަނައަށް އެންމެ ދިގު ޕްރެސް ކޮންފަރެންސް ބޭއްވެވީ ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އެވެ. 2017 ވަނަ އަހަރު ބޭއްވެވި އެ ޕްރެސް ކޮންފަރެންސް ދެމިގެންދިޔައީ 7 ގަޑިއިރަށެވެ.
ރައީސް މުއިއްޒުގެ މި ތާރީހީ ޕްރެސް ކޮންފަރެންސްއާއެކު ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ މަގާމު މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ.
ރައީސް މުއިއްޒުގެ ޕްރެސްކޮންފަރެންސްގައި ރާއްޖޭގެ ގިނަ ނޫސްވެރިން ބައިވެރިވެ، ގިނަ ސުވާލުތަކެއް ކުރިއެވެ. އަދި ކޮންމެ ސުވާލަކަށްވެސް ރައީސް އަށް މައުލޫމާތު އެނގިލައްވާ މިންވަރަކަށް ޖަވާބުދެއްވާފައިވެއެވެ.