ޕައްޓި ޔުމުނުގެ ބަޔާން ނަގަން އާއިލާއިން ދަނީ ހުރަސް އަޅަމުން: ފުލުހުން
ދެންމެ | 09 މެއި 2025

2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލަ އާއި އޭނާގެ ބަހެއް ހޯދުމަށް ސުވާލު ކުރުމުގެ ފުރުޞަތު އަދި މިހާތަނަށް ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.

ޔުމްނު ފުރާޅު މައްޗަަށް ވެއްޓި އަނިޔާވެގެން އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ މެލޭޝިޔާގައެވެ. އޭނާގެ ޙާލު ކުރިއަށްވުރެ ރަނގަޅުވަމުން އަންނައިރު، ޢާއިލާއިން މައުލޫމާތު ދޭ ގޮތުން މިހާރު އޭނާ އޮތީ ހޭ އަރާފައެވެ.

އަދި އޭނާގެ ޢާއިލާއިން ރޭ ބުނެފައިވާ ގޮތުން ޔުމްނު މިހާރު ވާހަކަވެސް ދައްކައެވެ. އެހެން ނަމަވެސް މައްސަލައިގެ ތަހުގީގަށް ޔުމްނުގެ ބަހެއް ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އެކަމާއި ގުޅިގެން މިއަދު ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ނުލިބޭ ކަމަށާ އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއް ކަމަށާ، އެގޮތުން، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!