ކައުންސިލަރުންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދިނުމަށްޓަކައި ޚާއްސަ ކޯހެއް ފެށުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިއަދު ވިދާޅުވީ އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކުރުމުގެ މަޤުޞަދުގައި، ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގެވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
“ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުޤުހުރި ފަރާތްތަކަށް، ޚަޠީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް ޤުރުއާން މަރުކަޒު މެދުވެރިކޮށް ގެންދަންވަނީ ނިންމާފަ. މީގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ.”ވަޒީރު ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް ވިދާޅުވީ، މި ކޯހުގައި ޚަޠީބު ކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ ހަދީސް ކިޔަވައިދޭނެ ކަމަށެވެ.
“މީގެ ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ގެންދެވޭނެ. ޤުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެެ އައިސްގެން، ނުވަތަ އަތޮޅުތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް.” ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އޭގެއިތުރުން ޑރ. ޝަހީމް ވިދާޅުވީ، މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން ކަމަށާއި، މިއަހަރުގެ ޖޫން 1 ގައި މި ޕްރޮގްރާމަށް ހުޅުވައިލާނެ ކަމަށެވެ.
ކައުންސިލަރުންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދިނުމަށްޓަކައި ޚާއްސަ ކޯހެއް ފެށުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތް ފަށާފައިވާއިރު، ދީނީގޮތުން ހަރުދަނާ ލީޑަރުން އުފެއްދުމަށާއި ޒުވާން ޚަތީބުން ތަމްރީން ކުރުމަށް މިސަރުކާރުން މިހާރުވެސް ދަނީ ކާމިޔާބު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.