ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ހަރުދަނާ އިގްތިސާދީ ފިޔަވަޅުތަކާއެކު ބޭރު ފައިސާގެ ރިޒާވް އިތުރުވެ، މާލީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ބައިނަލްއަޤްވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ (މޫޑީސް)އިން ބުނެފިއެވެ.
މޫޑީސްއިންވަނީ ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ އިޝުއަރ ރޭޓިންގ ސީއޭއޭ2 ގައި ދަމަހައްޓައިފައެވެ.
މޫޑިސްއިން ނެރުނު ބަޔާނުގައި ވަނީ ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމުގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް އަލިއަޅުވާލާފައެވެ. އެގޮތުން ކޮވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދިޔަ ހީނަރުކަމަށް ފަހު މިހާރު ފަތުރުވެރިކަން އަލުން ކުރިއަރައި، އިޤްތިޞާދު ރަނގަޅުވަމުން އަންނަކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އޮކްޓޯބަރ 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އަންނަކަމަށާއި މަރުކަޒީ ބޭންކް އެމްއެމްއޭއިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާބެހޭ ގަވާއިދުތަކާއި އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުގައިވެއެވެ.
އަދި 2025 ވަނަ އަހަރުގެ ބަޖެޓުގައި ފިސްކަލް އިސްލާޙުތަކުގެ ޕްލޭންތަކެއް ހިމެނިފައިވާކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މޫދީސް އިން ނެރުނު ރިޕޯޓުގައިވެސް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު މާލީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ބުނެފައިވެއެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ދިވެހިރާއްޖެއާއި އިންޑިއާއާއެކު 400 މިލިއަން ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމެއް ޤާއިމުކޮށްފައިވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއްކަމުގައި މޫޑިސްއިން އޭރު ބަޔާންކޮށްފައިވެއެވެ.
މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓީން ސީއޭއޭ1 އިން ސީއޭއޭ2 އަށް ބަދަލުކުރީ ނިމިދިޔަ ސަރުކާރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އިތުރުވެ އަދި އެމްޑީޕީގެ ސަރުކާރުން ޗާޕުކޮށްފައިވާ 8 ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވުމުންނެވެ.
ނަމަވެސް މިފަހުން ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން މޫޑީސްއިން އަންނަނީ ދަމަހައްޓަމުންނެވެ. ސަބަބަކަކީ މާލީ ހާލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ހަރުދަނާ ސިޔާސަތުތައްކަމަށް މޫޑީސްއިން މައުލޫމާތުދެއެވެ.